އިއްޔެ އިރުއޮއްސުނު ވަގުތު ނ. މަނަދޫން އަނިޔާ ތަކަކާ އެކު މަރުވެފައި އޮއްވާ ފެނުނު އުމުރުން 62 އަހަރުގެ ނައީމާ މޫސާގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ ހިއްސާ ކޮށްދިނުމަށް އެ މުއައްސަސާއިން އެދެފިއެވެ.

ނައީމާގެ މަރާ ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޚާއްސަ ތަހުގީގު ޓީމަކާއި ފޮރެންސިކް ތަހުގީގު ޓީމެއްގެ އިތުރުން ފޮރެންސިކް ޕެތޮލޮޖިސްޓެއް ނ. މަނަދޫގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ނައީމާ ގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު މިއަދު ހަވީރު 17:20 ހާއިރު އޭނާ ވަނީ ވަޅުލާފައެވެ. ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިނަމަވެސް ޕޯސްމޯޓަމް ހެދުމަކާ ނުލައި އޭނާ ވަޅުލާފައިވާތީ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ފުލުހުން ބުނީ ހަށިގަނޑު ވަޅުލާފައިވަނީ އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާތީ ކަމަށެވެ.

ނައީމާއަކީ ރަށުތެރެ ކުނިކެހުމުގެ މަސައްކަތް ކުރަމުންދިޔަ އެރަށު ކައުންސިލްގެ މުވައްޒަފެކެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މަސައްކަތަށް އައިސްފައިނުވާތީ އާއި އޭނާގެ އާއިލާ މީހުންނަށްވެސް ޚަބަރެއް ވެފައި ނުވާތީ އިއްޔެ އޭނާގެ އާއިލާގެ ފަރާތުން ވަނީ އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

އޭނާ ދިރިއުޅެމުންދިޔަ ގޭގެ ދޮރު ހަލާކުކޮށްލުމަށް ފަހު ފުލުހުން ވަދެ ބެލި އިރު އޭނާ ފެނުނީ ކޮޓަރީގެ ތަޅުންގަނޑު މަތީ އަނިޔާ ތަކަކާއެކު މަރުވެފައި އޮއްވައެވެ.

ނައީމާގެ މަރާ ގުޅިގެން ފުލުހުން ވަނީ މަނަދުއަށް އަރާ ފައިބާ މީހުން މޮނީޓާ ކުރަން ފަށާފައެވެ. އެގޮތުން ރަށުން ބޭރަށް ދާ ނަމަ ނުވަތަ ރަށަށް އަރާ ނަމަ އެކަން ފުލުހުންނަށް އެންގުމަށް ފަހު އެކަން ކުރުމަށް ފުލުހުން ވަނީ އަންގާފައެވެ.