22 Apr 2012, 13:53
ސްޕެނިޝް ލީގުގައި ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ރެއާލް މެޑްރިޑް ރޭ ކުޅުނު ފޯރިގަދަ މެޗް ނިމެން ދަނިކޮށް ކްރިސްޓިޔާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑުން 2-1 ލަނޑުން މޮޅުވެ، ލީގު ހޯދުމުގެ ލީގު ޗެމްޕިއަންކަމާ ގާތަށް ރެއާލް ޖެހިލައިފި އެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު އެޓީމުން ޖެހީ މެޗުގެ 17 ވަނަ މިނެޓުގައި ސާމީ ކެދީރާ އެވެ. މެޗުގެ ލީޑް ރެއާލްއިން ނެގުމުން، އިތުރަށް މަސައްކަތް ކުރަން ޖެހުނު ބާސާގެ ކުޅުންތެރިނަށް މެޗުގެ ފުރަތަމަ ހާފް ނިންމާލަން ޖެހުނީ ލަނޑެއް ކާމިޔާބު ނުކުރެވި، އެއް ލަނޑުގެ ލީޑަކާއެކު ރެއާލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެ ވަނަހާފުގެ ކުޅުންފެށިގެން ދެޓީމުން ވެސް ވާދަވެރި ކުޅުމެއް ދައްކަމުން ދިޔަ، މިމެޗުގައި ރެއާލްއާ އަރާ ހަމަހަމަ ކުރުމަށް ހިތް ވަރު ލިބިގެން ދިޔަ ހަމައެކަނި ލަނޑު ޗެމްޕިއަން ބާސާއަށް، މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެލެކްސިސް ސަންޗޭޒްއެވެ.
ބާސާއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިތާ ތިން މިނެޓް ފަހުން، ރެއާލްގެ ހުނަރުވެރި ފޯވާޑް ރޮނާލްޑޯ ކާމިޔާބު ކުރި ހިތްގައިމު ގޯލާއެކު އެވެ.
ރޭ ރެއާލްއަށް ލިބުނު ބޮޑު ކާމިޔާބީއާ އެކު، އެޓީމް މިވަގުތު އޮތީ ލީގުގެ އެއް ވަނާގައި 88 ޕޮއިންޓު ހޯދައިގެންނެވެ. އެއީ ދެ ވަނާގައި މިވަގުތު އޮތް ވާދަވެރި ބާސެލޯނާއަށް ވުރެ، ހަތް ޕޮއިންޓުގެ ކުރިއެރުމަކާއެކު އެވެ.
މެޗަށް ފަހު ރެއާލްގެ ފޯވާޑް ރޮނާލްޑޯ ބުނީ، ހިތް ގައިމު ކާމިޔާބީއެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި ބޮޑު މެޗާ ކުރިމަތިލީ ވެސް ކާމިޔާބީއެއް ހޯދައިގެންނޫނީ ދަނޑުން ނުފޭބުމުގެ އުންމީދާއެކު، ހުރިހާ ކުޅުންތެރިން އެއް އަޒުމެއް ހިތުއަޅައިގެން ކަމަށެވެ. އަދި ބާސާ އަކީ އިހްތިރާމް ކުރާ ޓީމަކަށް ވީއިރު، އެޓީމުން ދެއްކި ކުޅުމަކީ ރެއާލްގެ ކުޅުންތެރިންނަށް ކާމިޔާބު ހޯދޭވަރުގެ ކުޅުމެއް ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.
"ރަށުން ބޭރުގައި ކުޅެ މޮޅުވުމަކީ ވެސް ލިބުނު ވަރަށް ބޮޑު އެފަލެއް. މިލިބުނު ކާމިޔާބީއާ އެކު އަހަރެންގެ ޓީމް މިވަނީ ލީގް ހޯދުމަށް ކެތްމަދުވެފަ. އަދި ބާސާއަށް ވުރެ ހަތް ޕޮއިންޓުގެ ލީޑެއް ލިބުމަކީ ވެސް ލިބުނު ކުރިއެރުމެއް. ލީގުގައި ބާކީ ހަތަރު މެޗް އޮތް ނަމަވެސް ރެއާލްގެ ކުޅުމަށް ބަދަލެއް ނާންނާނެ. އަބަދުވެސް ރެއާލއިން މަސައްކަތް ކުރާނީ ކާމިޔާބީއަކަށް" ރޮނާލްޑޯ ބުންޏެވެ.
މެޗަށް ފަހު ބާސާގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، ރެއާލްއިން ހޯދި ކާމިޔާބީއާއެކު މިފަހަރުގެ ލީގު ރެއާލަށް ލީގު ލިބުނީ ކަމަށެވެ. އަދި ބާސާގެ ކުޅުންތެރިން ރެއާލްއަތުން މޮޅުވުމަށް ނުހަނު މަސައްކަތް ކުރި ކަމަށާއި މެޗުގެ ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ބާސާގެ ކުޅުން މާ މޮޅު ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުން ރެއާލް މޮޅުވެ، ރޮނާލްޑޯ ކާމިޔާބު ކުރި ލަނޑާއެކު ލީގުގައި އޭނާ ޖަހާފައިވާ ލަނޑުގެ އަދަދު މިހާރު ވަނީ 42 ލަނޑަށް އަރައިފައެވެ. އެހެން ނަމަވެސް ވާދަވެރި ބާސާގެ ފޯވާޑް މެސީ އަށް ކާމިޔާބު ކުރެވުނު ލަނޑުގެ އަދަދަކަށް މިހާރު ވެފައި ވަނީ 41 ގޯލެވެ.