03 Aug 2010, 15:09
19:00
އިންޑިއާގެ ޓްރިވެންޑްރަމުން މާލެ އައުމަށް ނައްޓާލަން އުޅެނިކޮށް އިންޑިއަން އެއާލައިންސްގެ ބޯޓެއްގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އެބޯޓުގައި ތިބި ގިނަ އަދަދެއްގެ ދިވެހިން ޓްރެވިންޑްރަމްގެ އެއާޕޯޓްގައި އަށް ގަޑިއިރު މިއަދު ހާލުގައި ޖެހިއްޖެ އެވެ.
އިންޑިއާއަށް ބޭސް ފަރުވާއަކަށް ގޮސް އެނބުރި މާލެ އައުމަށް މިއަދު އިންޑިއަން އެއާލައިންސްގެ އައިސީ 963 އަށް އަރާ އިން އަލީ ނަސީރު ސަންއެފްއެމަށް އެ ކަންތައްތައް ހިނގައިދިޔަ ގޮތް ކިޔައިދެމުން ބުނީ މިއަދު މެންދުރު 1 ޖަހާއިރު ފުރުމަށް ހަމަޖެހިފައިވާ އެ ފްލައިޓްގެ ޗެކިން އަށް އެމީހުން ޓްރެވިންޑްރަމްގެ އެއާޕޯޓަށް ދިޔައީ ހެނދުނު 10 ޖެހިއިރު ކަމަށާއި ޗެކިން އަށްފަހު ފްލައިޓަށް އެމީހުން އަރާ ފްލައިޓް ނައްޓާލަންވެގެން އުޅެނިކޮށް އިންޖީނު ސްޓާޓްނުވެ ބައިގަޑިއިރެއްހާއިރު ފްލައިޓްގައި ތިބެންޖެހުނު ކަމަށެވެ. އަދި އެވަގުތު ފްލައިޓުގައި ތިބި ޔޫރަޕް މީހުންނާއި އިންޑިޔާގެ މީހުންގެ އިތުރުން ދިވެހިން ވެސް ޝަކުވާ ކުރަން ފެށުމުން އެމީހުން ބޯޓުން ބޭލި ނަމަވެސް، ދެން ވެސް އެމީހުންނަށް ތިބެން ޖެހުނީ އެއާޕޯޓްގައި ކަމަށް ނަސީރު ބުންޏެވެ.
ފްލައިޓުން ދަތުރުކުރި ދިވެހިންގެ ތެރޭގައި އެއް އަހަރު ނުވާ ތުއްތު ދެކުދިންނާއި ގިނަ ބަލިމީހުން ތިބި ކަމަށާއި އަދި ފްލައިޓުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ގިނަ ދިވެހިނަށް ކާއެއްޗެއް ވެސް ލިބުނީ ހަވީރު ހަތަރެއް ޖަހަން އުޅެނިކޮށް ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެކަށީގެންވާ ފުރިހަމަ މައުލޫމާތެއް ނުލިބި އެމީހުން އެއާޕޯޓްގައި ހޭދަކުރަން ޖެހުނު ގޮތް ނަސީރު ކިޔައިދިނެވެ.
ޓްރިވެންޑްރަމުގައި ހުރި ނަސީރު އަދި ބުނީ އެ ފްލައިޓުން ދަތުރު ކުރުމަށް ހަމަޖިފައިވާ މީހުންގެ ތެރެއިން އެއާޕޯޓްގައި ތިބި މީހުން އެއާޕޯޓް ކައިރީގައި ހުންނަ ކޯލަންބީޗް ހޮޓަލަށް މިއަދު ހަވީރު ހަތަރެއް ޖެހިފަހުން ގެންގޮސްފައިވާ ކަމަށާއި އަދި މާދަމާ އެމީހުންނަށް ފުރޭނެ އިންތިޒާމް ހަމަޖައްސައިދެވޭތޯ ބަލާނެ ކަމަށް އިންޑިއަން އެއާލައިންސުން ބުނެފައިވާ ކަމަށެވެ.