ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ސަރުކާރުގައި ތިއްބެވުމުން ހުރިހާ ގެއްލުމެއް ވަނީ އާންމު ރައްޔިތުންނަށް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވީ, ސިޔާސަތުތަކުން މި ސަރުކާރުގެ ދޯހަޅިކަން ހާމަވަމުންދާ ކަމަށެވެ.

"ދެ ރިޔާސީ ކެންޑިޑޭޓަކަށް ސަރުކާރުގައި ތިބެވޭނެތަން އަޅުގަނޑަކަށް ނުފެނޭ. ނަމަވެސް އަޅުގަނޑުމެނަށް މިއަދު މި ފެންނަނީ ސަރުކާރު ތެރޭގައި ތިއްބަވާފަ ސަރުކާރުގެ ތެރެއިން ނުކުމެވަޑައިގެން އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވިތަން," ނާޒިމް ވިދާޅުވިއެވެ.

ނާޒިމް މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ, ޖުމްހޫރީ ޕާޓީން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި އެ ފުރުސަތު އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދިނުމަށް ނިންމާފައިވަނިކޮށެވެ.

އެކަމަށް ފާޑުވިދާޅުވެ ނާޒިމް ވިދާޅުވީ, ސަރުކާރު ހިންގުމުގެ ކޯލިޝަނުގައި އޮވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ގާސިމް އިއުލާނު ކުރެއްވި ނަމަވެސް ރައިސުލްޖުމްހޫރިއްޔާއަށް އެކަމަށް ފިޔަވަޅު އެޅުއްވުމަށް ކެރިވަޑައިނުގަންނަވާކަމަށެވެ.

"ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނުތިބެވޭނެ އެއިރެއްގައި އެ އޮންނަ ސަރުކާރަކަށް ތާއީދު ނުކުރައްވާ ފަރާތަކަށެއް," ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވަން ނިންމާފައިވާ ނާޒިމް ވިދާޅުވިއެވެ.

ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބުމުގެ ނަތީޖާއަކަށް ވާނީ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކަށް ބުރުއެރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ, މި ސަރުކާރުގެ އިސްވެރިން މިހާރު މަސައްކަތް ކުރަމުން ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އިތުރު ދައުރަކަށް އިންތިހާބްވެވޭނެ މަގެއް ހޯދުމަށް ކަމަށެވެ.

ސަރުކާރަށާއި ޖުމްހޫރީ ޕާޓީއަށް ނުސީދާކޮށް ފާޑުވިދާޅުވި ނާޒިމަކީ ގާސިމްގެ ތާއީދާއެކު ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ދަނގެތީ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ބޭފުޅެކެވެ.