08 Apr 2023, 13:40
މި އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު، އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓުގެ 60 ޕަސެންޓަށް ވުރެ ބޮޑުބައި ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން ޢާންމު ކުރި ތަފާސްހިސާބުން ދައްކާގޮތުން، މި އަހަރުގެ މިހާތަނަށް އާސަންދައަށް ވަނީ 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އެހެން ނަމަވެސް، މި އަހަރު އާސަންދައަށް ބަޖެޓުކޮށްފައިވަނީ އެއް ބިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަޑަކަށް 45 ޕަސެންޓުގެ އިތުރު ވުމެކެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ޚަރަދުކުރީ 345 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރު ވެސް، އަހަރު ނިމުނު އިރު އާސަންދައަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ އިތުރަށް ވަނީ ޚަރަދުކޮށްފައެވެ. ނިމިދިޔަ އަހަރު، އާސަންދައަށް ބަޖެޓު ކުރީ 730 މިލިއަން ރުފިޔާ ނަމަވެސް، އަހަރު ނިމުނު އިރު، އާސަންދައަށް 1.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އާސަންދައިގެ ޚަރަދު މިހާބޮޑުވެފައިވާއިރު، ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ސަބްސިޑީ ކުޑަކޮށް، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ވޯލްޑް ބޭންކުން ވެސް ވަނީ ދާދި ފަހުން ލަފާދީފައެވެ. އެގޮތުން ދައުލަތުގެ ދަރަނި ބޮޑުވި ނަމަވެސް، ދަރަނި ދެމެހެއްޓެނިވި ކަމާ އެކު ދެއްކުމަށް ދައުލަތުގެ ޙަރަދު ކުޑަކުރުމާއި ޚަރަދުތައް އިސްލާހު ކުރުމަކީ މުހިއްމުކަމެއްކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާދީފައެވެ.
ސަރުކާރުން ސަބްސިޑީއަށް ކުރާ ހޭދަކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ސަރުކާރަށް އަންނަނީ ލަފާދެމުންނެވެ. އެހެން ނަމަވެސް، މި އަހަރުގެ ބަޖެޓުން ވެސް، އަހަރުގެ ފުރަތަމަ ތިން މަސް ނިމުނުއިރު، ބޮޑު އަދަދެއް އެކި ގޮތްގޮތުން ސަބްސިޑީގެ ގޮތުގައި ވަނީ ފޯރުކޮށްދީފައެވެ.
އެގޮތުން މުޅި އަހަރަށް ފާސްކުރި 42.8 ބިލިއަން ރުފިޔާގެ ޖުމްލަ ބަޖެޓުން މިއަހަރުގެ މިހާތަނަށް 11 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.