08 Apr 2023, 13:19
އިއްޔެ އިރުއޮއްސުނު ވަގުތު ނ. މަނަދޫން މަރުވެފައި އޮއްވައި ފެނުނު އެ ރަށު އުމުރުން 62 އަހަރުގެ, އަންނާރުމާގެ ނައީމާ މޫސާގެ ހަށިގަނޑު މިއަދު އެ ރަށުގައި ވަޅުލާން ނިންމައިފިއެވެ.
މަނަދޫގެ ކައުންސިލްގެ ރައީސް އަބްދުއްރަހުމާން ޞަބީހު "ސަން"އަށް ވިދާޅުވީ ނައީމާގެ ދޮށީ ދަރިފުޅަށް ރަށަށް ދެވޭނެ ވަގުތަށް ބަލައި، ހަވީރު 4:30ގައި ކަށުނަމާދު ކުރުމަށް ފަހު ވަޅުލާން ތައްޔާރުވެފައިވާ ކަމަށެވެ.
ޞަބީހު ވިދާޅުވީ އޭނާގެ ކަށުނަމާދު އޮންނާނީ އެ ރަށު މަސްޖިދުލް ރިޟްވާންގައި ކަމަށެވެ.
ނައީމާގެ ތިން ދަރިން ތިބެއެވެ. ނަމަވެސް އޭނާ ދިރިއުޅެމުން ދިޔައީ އެ ރަށު ގެއެއްގައި އެކަންޏެވެ.
ނައީމާގެ ޚަބަރެއް ނުވާތާ ދެ ދުވަސް ވުމުން އެކަން ފުލުހުންނަށް ރިޕޯޓުކުރީ އިއްޔެ އިރުއޮއްސި 6:13 ހާއިރެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ.
ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކު ކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ.
އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި އޭނާއަށް ވަނީ ވަޅިން ހަމަލާދީފައެވެ. އެހެންވެ، ފުލުހުން މިހާރު ވަނީ އެ ރަށަށް އަރާ ފައިބާ މީހުން މޮނިޓާ ކުރަން ފަށައިފައެވެ. އަދި، މި މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް ވެސް ވަނީ އެ ރަށަށް ގޮސްފައެވެ.
އެ ރަށު ކައުންސިލުން މިހާރު ވަނީ ފުލުހުންނަށް އެންގުމަކާ ނުލައި އެއްވެސް މީހަކަށް އެ ރަށުން އެހެން ރަށަކަށް ނުދެވޭނެ ކަމަށް އާންމުކޮށް އަންގައިފައެވެ.