08 Apr 2023, 11:03
އެކްޓަރު އަމީތާބު ބައްޗަން ސޮއިކޮށްފައިވާ ކޯޓް ރޫމް ތްރިލާ "ސެކްޝަން 84"ގެ ރޯލަކަށް ބަތަލާ ނިމްރަތް ކޯރް ސޮއިކޮށްފިއެވެ.
ފިލްމަށް ސޮއިކުރިކަން ނިމްރަތު ވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކަށަވަރުކޮށްދީފައެވެ. ނިމްރަތް ބުނެފައިވަނީ އާދައިގެ އާއިލާއަކުން ފިލްމީ ދުނިޔެއާ ގުޅުނު ބަތަލާއަކަށް, އަމީތާބް ބައްޗަންގެ ފިލްމަކުން ފުރުސަތު ލިބުމަށްވުރެ ބޮޑު އުފަލެއް ނޯންނާނެކަމަށެވެ.
ކުރިޔަށް އޮތް ދުވަސްތަކަކީ ރޭގަނޑުގެ ނިދި ނަގާލުމަށްފަހު ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭނެ ދުވަސްތަކެއްކަމަށް ބަތަލާވަނީ މިޕޯސްޓުގައި ބުނެފައެވެ. ސަބަބަކީ އަމީތާބް ބައްޗަންއާއެކު ކުޅޭ ފިލްމެއްގައި ނިމްރަތް ބޭނުންވަނީ ކެރިއަރުގެ އެންމެ ބެސްޓް ބެލުންތެރިންނަށް ދައްކުވައިދިނުމަށްކަމަށް އޭނާ ވަނީ ބުނެފައެވެ.
މިދިޔަ ހަފުތާ ތެރޭގައި ބަތަލާ ޑަޔާނާ ޕެންޓީ ފިލްމު "ސެކްޝަން 84"އަށް ސޮއިކޮށްފައިވާއިރު ހުނަރުވެރި އެކްޓަރު އަބިޝޭކް ބެނަޖީވެސް މިފިލްމުގެ މުހިންމު ރޯލަކުން ފެންނާނެއެވެ. ނިމްރަތުއަށް މިފިލްމުން ފުރުސަތު ލިބިފައިވާއިރު އޭނާ އެންމެ ފަހުން ކުޅުނު ފިލްމު "ދާސްވީ"އަށްވެސް އަހަރު ފުރުނީ މިފިލްމަށް ސޮއިކުރި ދުވަހުއެވެ. ފިލްމު "ދާސްވީ"ގައި ނިމްރަތްއާއެކު އަބިޝެކް ބައްޗަންވަނީ މުހިއްމު ރޯލަކުން ފެނިފައެވެ. މިފިލްމުގައި ނިމްރަތު ދެއްކި މޮޅު އެކްޓިންގްއަށް ތައުރީފުކޮށް އޭރު އަމީތާބްވަނީ ބަތަލާއަށް ތަޢުރީފުގެ ހާއްސަ ނޯޓެއްވެސް ފޮނުވާފައެވެ.
އަމީތާބް ބައްޗަން މުހިއްމު ރޯލްއިން ފެންނަ މި ކޯޓް ރޫމް ޑްރާމާ ތްރިލާއަކީ ރިބޫ ދާސްގުޕްތާ ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. މީގެކުރިންވެސް އަމީތާބްވަނީ ފިލްމު "ތީން"ގައި ރިބޫ ދާސް ގުޕްތާއާއެކު މަސައްކަތްކޮށްފައެވެ.
މިފިލްމަކީ، ރިލަޔަންސް އެންޓަޓެއިންމަންޓާއި ޖިއޯ ސްޓޫޑިއޯސްއާ ގުޅިގެން ގެނެސްދޭ ފިލްމެކެވެ. ފިލްމު "ޕްރޮޖެކް ކޭ"ގެ ޝޫޓިން ތެރޭގައި އަމީތާބަށް ލިބުނު އަނިޔާއަށް އެކްޓަރު ފަރުވާ ހޯދަމުންދާތީ އަމީތާބް ފިލްމާ ގުޅޭނެ ވަކި ދުވަހެއް އަދި ކަށަވަރެއް ނުވެއެވެ.