މިމަހުގެ 21ގައި ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ސަލްމާން ޚާންގެ ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން"ގެ ޚާއްސަ ލަވަޔަކުން ތެލުގޫ އެކްޓަރު ރާމް ޗަރަންއަށް ފުރުސަތު ލިބިއްޖެއެވެ.

މިހާރު ޝޫޓިންވެސް ނިންމާލާފައިވާ މިލަވަޔަކީ، ރާމް ޗަރަންގެ ޚާއްސަ ފެނިލުމާއެކު ފިލްމުން އެކްޓަރު ފެންނާނެ ލަވައެކެވެ. ހިންދީ-ތެލުގޫ މިލަވައިން ރާމް ޗަރަންއާއެކު ސަލްމާން ޚާންގެ އިތުރުން ތެލުގޫ އެކްޓަރު ވެންކަތޭޝްވެސް ފެންނާނެއެވެ.

މިލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއްގައި އެކްޓަރު ރާމް ޗަރަން ބުނެފައިވަނީ، މިއީ މިހާތަނަށް ކުޅެވުނު މިފަދަ އެންމެ ފޯރިގަދަ އެއް ލަވަ ކަމަށެވެ. އަދި ބެލުންތެރިންނަށް މިލަވަ ވަރަށް ކަމުދާނެކަމަށް ރާމް ޗަރަން ވަނީ ބުނެފައެވެ.

އެކްޓަރު ސަލްމާން ޚާންއާއެކު ސްކްރީން ހިއްސާކޮށްލުމުގެ ހުވަފެނެކީ ކުޑައިރުއްސުރެވެސް ރާމް ޗަރަން ދެކެމުންއައި ހުވަފެނެއްކަމަށް އޭނާވަނީ ބުނެފައެވެ. މިހާ ތާރީޚީ ފިލްމެއްގެ ކުޑަ ފެނިލުމަކުން ސަލްމާންއާއެކު މަސައްކަތްކޮށްލުމަށް ދިން މިފުރުސަތަށް ރާމް ޗަރަންވަނީ ސަލްމާން ޚާންއަށް ޝުކުރު އަދާކޮށްފައެވެ.

މިލަވައިގެ ކުޑަ ކްލިޕެއް ރާމް ޗަރަންވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށްވެސް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. މިއުޒިކް އުފެއްދުންތެރިޔާ ވިޝާލް ދަދްލާނީއާއި ޕާޔަލް ދޭވް އަދި ރެޕާ ރަފްތާރްގެ މި އުފެއްދުމަކީ ސަލްމާން ޚާންގެ ފިލްމު "ކިސީކާ ބާއި ކިސީކީ ޖާން"އިން ފެންނާނެ ފޯރިގަދަ ލަވައެކެވެ.

ފިލްމު "އާރްއާރްއާރް"ގެ ތާރީޚީ ލަވަ ނާޓޫ ނާޓޫއިން ރާމް ޗަރަން ދެއްކި ޖާދޫ މިލަވައިންވެސް ފެނުމަކީ ބެލުންތެރިންގެ އުއްމީދެވެ. ރާމް ޗަރަންގެ އިތުރުން ފިލްމު "އާރްއާރްއާރް"ގެ ލީޑް ރޯލްއިން ފެނުނު ދެވަނަ އެކްޓަރު ރަމާ ރާއޯ ޖޫނިއާއަށްވެސް ދާދިފަހުންވަނީ ޔަޝް ރާޖް ފިލްމްސްގެ ފްރެންޗައިޒް "ވޯ"އިން ފުރުސަތު ލިބިފައެވެ.