ތެލުގޫ އެކްޓަރު އައްލޫ އަރުޖުންގެ ފިލްމީ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު "ޕުޝްޕާ"ގެ ސީކުއަލްއާ ގުޅޭ ޚާއްސަ ވީޑިއޯއެއް ރިލީޒްކޮށްފިއެވެ.

މީގެ ދެ އަހަރުކުރިން ރިލީޒްކުރި މިފިލްމު ބެލުންތެރިންގެ މެދުގައި މަގުބޫލުވެފައިވާއިރު ފިލްމުގެ ސީކުއަލްއެއް އުފައްދާ ޚަބަރާއެކު ފިލްމުގެ އިންތިޒާރުގައި ގިނަ ބަޔަކު އެބަތިއްބެވެ.

މިފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ތާވަލުކުރެވިފައިވާއިރު އެކްޓަރު އައްލޫ އަރުޖުންގެ އުފަންދުވަހާ ދިމާކޮށް މިވަނީ ބެލުންތެރިންނަށް ޚާއްސަ ހަދިޔާއެއް ރައްދުކޮށްފައެވެ. މިފިލްމުގެ ފުރަތަމަ ބަޔާ ގުޅުވައިގެން ދެވަނަ ބައި ތައާރަފުކޮށްދޭ މިކުރު ޓީޒާއިން "ޕުޝްޕާ2"ގެ ވާހަކަ ގެނެސްދޭނެގޮތް ބެލުންތެރިންނަށް ތަސައްވަރުކުރެވޭނެއެވެ.

އިއްޔެ 40 އަހަރު ފުރުނު އަރުޖުންގެ ފިލްމުގެ ކުރު ޓީޒާއިން ދައްކަނީ ޕުޝްޕާއަށް ވީނުވީއެއް ނޭނގި ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރާ މަންޒަރެވެ. މިފިލްމުގެ ފުރަތަމަބައި އުފެއްދިއިރު ފިލްމުގެ ސީކުއަލްއެއް އުފައްދާ ޚިޔާލެއް ޕްރޮޑިއުސަރުން އޭރު ނުގެންގުޅެއެވެ. ނަމަވެސް ފުރަތަމަ ބަޔަށް ލިބުނު ބޮޑު ކާމިޔާބީއާއެކު ދެވަނަ ބައެއް އުފެއްދުމަށް ނިންމީއެވެ.

ތެލުގޫ ސިނަމާގެ އެންމެ ފާހަގަކޮށްލެވޭ ސުކުމާރު ލިޔެ ޑައިރެކްޓްކުރާ މިފިލްމުގެ ދެވަނަ ބައި ނުވަތަ ސީކުއަލް ރިލީޒްކުރާނެކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ކުރިޔަށްއޮތް އަހަރުގެ މާޗް މަހުތެރޭގައެވެ. މިފިލްމުގެ ސީކުއަލްއަށް ދީފައިވާ ނަމަކީ "ޕުޝްޕާ2: ދަ ރޫލް"އެވެ.

އައްލޫ އަރުޖުންއާއެކު ފިލްމުގެ ދެވަނަ ބައިންވެސް ބަތަލާގެ ރޯލްއިން ފެންނާނީ ފުރަތަމަބައިން ފެނުނު ރަޝްމިކާ މަންދަނާއެވެ. ފިލްމުގެ ބޮޑު ބައެއް މިހާރު ޝޫޓްކުރަން ފަށާފައިވާއިރު ދާދި ފަހުން ބަތަލާ ރަޝްމިކާގެ ފިލްމު ސެޓާއި ގުޅުނުކަންވަނީ އިއުލާނުވެސްކޮށްފައެވެ.