ސައުދީ އަރަބިއްޔާ އާއި އީރާނުން, ދެ ގައުމު ދެމެދު ދަތުރުތައް ފަށައި އެ ގައުމުތަކަށް ދަތުރުކުރާ ރައްޔިތުންނަށް އަލުން ޓްރެވަލް ވިސާ ދިނުމަށް އެއްބަސްވެއްޖެއެވެ.

މިކަން އިއުލާނު ކޮށްފައިވަނީ ބުރާސްފަތި ދުވަހު ދެ ގައުމުން ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައެވެ. އެ ބަޔާނުގައި ޓްރެވަލް ވިސާގެ އިތުރުން އުމްރާ ވިސާ ދޭން ފަށަން ހަމަޖެހިފައިވާ ކަން ވެސް އިއުލާންކުރިއެވެ.

ސައުދީއާ އީރާނުން ވަނީ މިދިޔަ މާޗު މަހުގެ 11 ވަނަ ދުވަހު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްކޮށްފައެވެ. މި ދެ ގައުމުން އަލުން ގުޅުން ގާއިމްކޮށްފައިވަނީ ޗައިނާއިން މެދުވެރިވެގެން ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.

ވިސާ ދިނުމާއެކު، ދެ ގައުމު ދެމެދު ދަތުރުތައް އަލުން ފެށުމާއި ސައުދީގެ ވެރިރަށް ރިޔާދާއި އީރާނުގެ ވެރިރަށް ތެހެރާނުގައި ދެގައުމުގެ އެމްބަސީތައް އަލުން ހުޅުވުމުގެ އިންތިޒާމުތައް ފެށޭނެ ގޮތުގެ ތަފްސީލުވެސް އެއްބަސްވުމުގައި ލިޔެފައިވެއެވެ. އަދި މީގެ 20 އަހަރު ކުރިން ސޮއިކޮށްފައިވާ ސަލާމަތީ އަދި އިޤްތިޞާދީ އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް ތަންފީޒުކުރުމަށްވެސް ވަނި އެއްބަސްވެފައެވެ.

އީރާންއާއި ސައުދީ އަރަބިއާއާ ދެމެދު މައްސަލަ ޖެހުނީ، 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ސައުދީއިން އެގައުމުގެ ޝީޢީ އިލްމުވެރިޔާ ނިމްރު ބާގިރު އަލް ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުންނެވެ. ސައުދީގެ ކޯޓަކުން އޭނާ މަރަން ހުކުމް ކުރީ، އެގައުމަށް ބޭރުގެ ނުފޫޒު ގެނައުމަށް މަސައްކަތް ކުރުމުގެ ދައުވާ އާއި އެގައުމުގެ ވެރިންގެ އަމުރާ ޚިލާފުވެ، ސަލާމަތީ ބާރުތަކާ ދެކޮޅަށް ތެދުވި ކަމުގެ ދައުވާގައެވެ.

ޝޭހް ނިމްރު އަކީ، ސައުދީން ޝީއީންނާ މެދު ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެ ސަރުކާރަށް ފާޑު ކިޔައި، އެ ގައުމުގައި މިނިވަން އިންތިޚާބުތައް ބޭއްވުމަށް ގޮވާލަމުންދިޔަ މީހެކެވެ.

ނިމްރުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރުމުން، އީރާނާއި މެދުއިރުމަތީގެ އެހެން ގައުމުތަކުގައި ވެސް ޝީޢީން ނުރުހުން ފާޅުކޮށް މުޒާހަރާކުރިއެވެ. އެގޮތުން އީރާނުގެ ވެރިރަށް ތެހެރާނުގައި ކުރި މުޒާހަރާތަކުގައި ބައެއް މީހުން ސައުދީ އެމްބަސީއަށް ހަމަލާ ދިނެވެ.

ސައުދީ އަރަބިއްޔާއިން އީރާނާ ގުޅުން ކަނޑާލީ އެ ހަމަލާއާ ގުޅިގެންނެވެ. އެއީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތިނެއްގައެވެ.