މިއަދު އިރުއޮއްސުނު ވަގުތު ނ. މަނަދޫން މަރުވެފައި އޮއްވައި ފެނުނު އެ ރަށު އުމުރުން 62 އަހަރުގެ, އަންނާރުމާގެ ނައީމާ މޫސާ އޮތީ ވަޅިން ހަމަލާދީ މަރާލާފައިކަން "ސަން"އަށް ކަށަވަރު ވެއްޖެއެވެ.

ނައީމާ އަކީ އެކަނި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. މިއަދު އިރުއޮއްސި 6:13 ހާއިރު އޭނާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ އާއިލާ މީހުންނެވެ. އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ އެ ރަށު ކައުންސިލްގެ މުވައްޒަފެކެވެ. އަދި، އޭނާ މަސައްކަތަށް ނުނުކުމެ، މީހަކަށް ޚަބަރެއް ނުވާތާ ދެ ދުވަސް ވަނީ ވެފައެވެ.

މަނަދޫގައި މިއަދު މަރާލާފައި އޮއްވާ ފެނުނު އަންހެން މީހާ ދިރިއުޅޭ ގެ، ފުލުހުން ބަންދުކޮށްފައި -- ސަން ފޮޓޯ/ ކިޔުންތެރިއެއް

އެހެންވެ، ފުލުހުން އެ ގޭގެ ދޮރު ހަލާކު ކޮށްލައިގެން ވަންއިރު، ނައީމާ އޮތީ ބިންމަތީގައި މަރުވެފައެވެ.

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރު ކޮށްދީފައިވާ ގޮތުގައި އޭނާއަށް ވަނީ ވަޅިން ހަމަލާދީފައެވެ. އެހެންވެ، ފުލުހުން މިހާރު ވަނީ އެ ރަށަށް އަރާ ފައިބާ މީހުން މޮނިޓާ ކުރަން ފަށައިފައެވެ. އަދި، މި މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމްސް ޑިޕާޓްމެންޓުގެ ޓީމެއް ވެސް ވަނީ އެ ރަށަށް ފުރާފައެވެ.

އެ ރަށު ކައުންސިލުން މިހާރު ވަނީ އެއްވެސް މީހަކަށް ފުލުހުންނަށް އެންގުމަކާ ނުލައި އެ ރަށުން އެހެން ރަށަކަށް ނުދެވޭނެ ކަމަށް އާންމުކޮށް އަންގައިފައެވެ.