07 Apr 2023, 22:13
ނ. މަނަދޫގައި މިއަދު މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމުން، އެ ރަށަށް އަރާ ފައިބާ މީހުން ފުލުހުން މޮނިޓާކުރަން ފަށައިފިއެވެ.
މިއަދު އިރުއޮއްސުނު ވަގުތު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 62 އަހަރުގެ, އެ ރަށު އަންނާރުމާގެ ނައީމާ މޫސާއެވެ.
ފުލުހުންނާ ހަވާލާދީ މަނަދޫ ކައުންސިލްގެ ރައީސް އަބްދުއްރަހްމާން ސަބީހު "ސަން"އަށް ވިދާޅުވީ އޭނާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ. ނަމަވެސް އެއީ ސީދާ ކޮން ކަންތައްތަކެއް ކަން އޭނާ ހާމަކޮށްފައެއް ނުވެއެވެ.
އޭނާ ވިދާޅުވީ ރަށަށް އަރާ ފައިބާ ނަމަ ފުލުހުންނަށް އެންގުމަށް އެދިފައިވާ ކަމަށެވެ.
ނައީމާ އަކީ އެކަނި ގެއެއްގައި ދިރިއުޅެމުން ދިޔަ މީހެކެވެ. މިއަދު އިރުއޮއްސި 6:13 ހާއިރު އޭނާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓު ކުރީ އާއިލާ މީހުންނެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އޭނާއަކީ ރަށުތެރެ ކުނި ކެހުމުގެ މަސައްކަތް ކުރަމުންދާ ކައުންސިލްގެ މުވައްޒަފެއް ކަމަށެވެ. އަދި، އޭނާ މަސައްކަތަށް ނުނުކުމެ، މީހަކަށް ޚަބަރެއް ނުވާތާ ދެ ދުވަސް ވެފައިވާ ކަމަށެވެ.
"އިއްޔެ މަސައްކަތަށް ނާދޭ. އެއްކޮށް މަސައްކަތް ކުރާ މީހުން ގޮސް އެގޭ ދޮރުގައި ޓަކި ޖެހީމައި ވެސް ޚަބަރެއް ނުވޭ، ފުރަތަމަ ހީކުރީ ބަލިވެ އުޅެނީ ކަމަށް. މިއަދު ވެސް މަސައްކަތަށް ނައިސްގެން ބެލިއިރު އެނގުނީ އާއިލާ މީހަކަށް ވެސް ޚަބަރެއް ނުވާކަން. ދެން އާއިލާއަށް ގުޅައިގެން ފުލުހަށް ރިޕޯޓު ކުރީ،" އޭނާ ވިދާޅުވިއެވެ.
ސަބީހް ވިދާޅުވީ ނައީމާގެ މަރާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ފުލުހުން ބުނެފައިވާތީ، ކަމާބެހޭ ފަރާތްތަކަށް އެންގުމަކާ ނުލައި އެއްވެސް އުޅަނދެއް އެ ރަށުން ބޭރަށް ނުދިއުމަށާއި، ރަށަށް އެތެރެ ވާ މީހުން ވެސް ފުލުހުންނަށް އެންގުމަށް ފަހު އެތެރެ ވުމަށް މިހާރު ކައުންސިލުން އާންމުކޮށް އަންގާފައިވާ ކަމަށެވެ.
ނައީމާގެ މަރާ ގުޅިގެން ޝައްކު ކުރެވޭ ގިނަ ކަންތައްތަކެއް ހުރިކަމަށް އޭނާ ވިދާޅުވެފައިވާއިރު، "ސަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޓީމެއް ވަނީ މިހާރު އެ ރަށަށް ފުރާފައެވެ.