07 Apr 2023, 22:01
ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ)އާ އެކު މަޝްވަރާ ކުރަން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ)އަށް ފޮނުވި ސިޓީއާ ގުޅިގެން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަން އެ ޕާޓީން ނިންމައިފިއެވެ.
ޖޭޕީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އެމްޓީޑީއަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ ސިޔާސީ ގޮތުން ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކާއި، ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ވަކިވަކި ފަރާތްތަކާ އެކު މަޝްވަރާކޮށް، ގިނަ ބައެއްގެ ބައިވެރިވުން އޮންނާނެ ގޮތެއްގެ މަތިން ގައުމުގެ ކަންކަން އިސްލާހުގެ މަގަށް ގެންދިޔުމަށް މަގުފަހި ކުރުމަށްޓަކައި އެމްޓީޑީއާ އެކު މަޝްވަރާ ކުރަން ބޭނުންވާ ކަމަށެވެ.
ސިޓީގައި ވަނީ އެ މަޝްވަރާތަކުގައި އެމްޓީޑީގެ ފަރާތުން ބައިވެރިވާނެ މަންދޫބުންގެ މައުލޫމާތު ވީހާ ވެސް އަވަހަށް ޖޭޕީގެ ސެކްރެޓޭރިއަޓަށް ފޮނުވަން ވެސް އެދިފައެވެ.
އެކަމާ ގުޅިގެން އެމްޓީޑީން ބުނީ ޖޭޕީގެ ސިޓީ ލިބިފައިވާ ކަމަށެވެ. އަދި އެ ސިޓީ އާއި ގުޅިގެން އަމަލު ކުރާނެ ގޮތަކާއި މެދު އެ ޕާޓީގެ ކައުންސިލުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު@QasimIbrahimގެ ފަރާތުން މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް އާއި ކޯލިޝަން ހެދުމުގެ މަޝްވަރާ ފެށުމަށް ފޮނުއްވި ސިޓީފުޅެއް ވަނީ ލިބިފައިއެވެ.
މި ސިޓީ އާއި ގުޅިގެން އަމަލު ކުރާނެ ގޮތަކާއި މެދު މި ޕާޓީގެ ކައުންސިލުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި އެވެ.— Maldives Third-Way Democrats (@MTDSecretariat)April 7, 2023
އެކަމާ ގުޅޭ އިތުރު ތަފްސީލު ހޯދުމަށް އެމްޓީޑީގެ ސެކެޓްރީ ޖެނެރަލް އަޙްމަދު އަޝްރަފާ ގުޅުމަށް 'ސަން'އިން މަސައްކަތް ކުރި ނަމަވެސް އޭނާ ފޯނު ނަންގަވާފައިނުވާތީ އިތުރު ތަފްސީލު ލިބޭގޮތް ވަނީ ނުވެފައެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ، 2020ވަނަ އަހަރު އަދީބަށް ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް މި ވަގުތު އޭނާ ހުންނެވީ ގޭބަންދުގައެވެ.
ޖޭޕީއާ އެކު މަޝްވަރާ ކުރަން އެމްޓީޑީއަށް ގާސިމް ދައުވަތު ފޮނުއްވާފައިވާއިރު އެ ޕާޓީން ވަނީ ކޯލިޝަން ހަދަން މަޝްވަރާ ކުރުމުގެ ދައުވަތު އެމްއެންޕީއާއި، އެމްއާރްއެމް އަދި އިދިކޮޅު ކޯލިޝަނަށް ވެސް ފޮނުވާފައެވެ. އެ ދައުވަތާ ގުޅިގެން އެމްއެންޕީއިން ބުނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ޕާޓީއަކުން އިސްވެ ހަދާ ކޯލިޝަނެއްގައި ބައިވެރިނުވާނެ ކަމަށެވެ.
އެމްއާރްއެމްއިން ޖޭޕީއާ އެކު މަޝްވަރާ ކުރުމުގެ ދައުވަތު ގަބޫލު ކޮށްފައިވާއިރު ޖުމްހޫރީ ޕާޓީގެ ދައުވަތާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. އެހެންކަމުން ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.