އެފްޓެކް ސޮލިއުޝަންގެ 11.8 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކާއި ކުރީގެ ޓެންޑާ އިވެލުއޭޝަން ބޯޓުގެ މައްޗަށް ފިޔަވަޅުއަޅަންޖެހޭ ކަމަށް އޮޑިޓާ ޖެނެރަލް ލަފާއަރުވައިފި އެވެ.

އަތޮޅު ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ސިއްހީ އެކި ސާމާނު ގަތުމަށް 2010 ވަނަ އަހަރު އެފްޓެކާ ހަވާލުކުރި ބީލަމުގެ މައްސަލައިގައި އޮޑިޓާ ޖެނެރަލް އާންމު ކުރައްވާފައިވާ ހާއްސަ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ އެފްޓެކަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީވެސް ގަވާއިދާއި ހިލާފަށް ކަމަށާއި ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ފައިސާ ދޫކޮށްފައިވަނީ އޭސީސީން ފައިސާ ދޫނުކުރަން އަންގާފައި ވަނިކޮށް ކަމަށެވެ.

އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެ މަސައްކަތް ބަޔަކާ ހަވާލު ނުކޮށްފިނަމަ ސިއްހީ ހިދުމަތަށް ބުރޫއަރާނެ ކަމަށްބުނެ އެ މަސައްކަތް ޑެންޓާ ބޯޑުން އެފްޓެކާއި ހަވާލުކުރިއިރު އެ ކުންފުންޏަކީ ސިއްހީ އެކި އާލާތްތައް ރާއްޖެ އެތެރެކުރުމުގެ ހުއްދަ އާއި އިމްޕޯޓް ލައިސެންސް އޮންނަ ކުންފުންޏެއް ނޫން ކަމަށާއި އެ ކުންފުނިން އެފަދަ ތަކެތި މީގެ ކުރިން ސަޕްލައި ކޮށްދީފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަމަށެވެ. އަދި އެ ކުންފުނިން އެތެރެ ކުރާނެ ބޭހުގެ ބްރޭންޑް ތަކާއި ކޮލިޓީ އެގެން ނެތް އިރު އެ ކުންފުންޏަކީ އެ ޕްރޮޖެކްޓް އެވޯޑް ކުރަން ޝަރުތު ހަމަވާ ކުންފުންޏެއް ނޫން ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ޓެންޑާ ބޯޑުގެ އިހުމާލެއް އެކަމުގައި ހިމެނޭ ކަމަށް ގަބޫލުކުރެވޭތީ އެ ބީލަން ދިޔަގޮތް މުރާޖައާ ކޮށް އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ފާހަގަ ކުރައްވާފައިވެ އެވެ.

ރިޕޯޓުގައިވާ ގޮތުން 12.7 މިލިއަން ރުފިޔާގެ ތަކެތި ސަޕްލައިކުރުމަށް އެ ކުންފުންޏާ ހަވާލުކުރި ނަމަވެސް އެތެރެކޮއްފައި ވަނީ ނުވަ ލައްކަ ރުފިޔާގެ ތަކެއްޗެވެ. ނަމަވެސް 11.8 މިލިއަން ރުފިޔާގެ ތަކެތި ސަޕްލައިކުރި ކަމަށް ބުނެ ފޭކް އިންވޮއިސްތަކެއް ފިނޭންސް މިނިސްޓްރީ އަށާއި ހެލްތު މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެތަކެތި ލިބުނު ކަމުގެ ލިޔެކިޔުންތައް މިނިސްޓްރީ އަށް ހުށަހަޅާފައި ނުވާކަން ވަނީ ފާހަގަކޮށްފަ އެވެ.

ތަކެތި ލިބުނުކަން މިނިސްޓްރީން ޔަގީން ނުކޮށްނުދެނީސް ފިނޭންސް މިނިސްޓްރީން އެ ކުންފުންޏަށް ފައިސާ ދޫކޮށްފައިވާ ކަން އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވާފަ އެވެ. އެގޮތުން އެފްޓެކަށް ފައިސާ ދޫކުރުމަށް ހެލްތަށް ނޭނގި ފިނޭންސް މިނިސްޓްރީ އިން އެ ކުންފުންޏަށް ލޯކަލް އެލްސީއެއް ހުޅުވައިދީފައިވާ ކަމަށާއި އެ އެލްސީ ހުޅުވައިދީފައި ވަނީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށެވެ. އެހެން ކަމުން އެ މައްސަލައިގައި އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް އެދިވަޑައިގެންފައިވެ އެވެ. އަދި އެފްޓެކަށް ފައިސާ ދޫކުރުމުގެ ހުއްދަ ދީފައިވާ ފިނޭންސްގެ އޭރުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލްގެ ފަރުވާކުޑަކަން ފާހަގަކޮށް އޭނާގެ މައްޗަށްވެސް ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ އަންގަވާފަ އެވެ.

އޮޑިޓާ ޖެނެރަލްވަނީ އެހެން ސީރިއަސް މައްސަލައެއް ފާހަގަކުރައްވާފަ އެވެ. އެއީ ދެފަހަރުގެ ބީލަމުގައި ވެސް އެސްޓީއޯއާއި އޭޑީކޭ އަދި މެޑިކުއިޕް ގުޅިގެން "ކޮލޫސިވް ޕްރެޓިސް" ގެ އަމަލުތަކެއް ހިންގާފައިވާ މައްސަލަ އެވެ. އަދި މާލިއްޔަތު ގަވާއިދާ ހިލާފަށް އެ ފަދަ އަމަލުތަކެއް ސަރުކާރުން ކުރިއަށް ގެންދިޔަ ބީލަމެއްގައި ހިންގާފައިވާތީ އެސްޓީއޯއިން އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވަނީ އަންގާފަ އެވެ.

އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓާ ޖެނެރަލް ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފަ އެވެ. ސަން އަށް އެގިފައިވާ ގޮތުގައި އެފްޓެކް ކުންފުނީގެ އިސް މަގާމުތަށް ފުރުއްވަމުން ގެންދަވާފައި ވަނީ އެމްޑީޕީގެ އިސްސަފުގައި ހަރަކާތްތެރިވާ އިސް އެކްޓިވިސްޓުންތަކެކެވެ.