"އައި މިސްޑް ޔޫ... ވަރަށް ވަރަށް ހަނދާންވި..." މިޒްޔަލް ހިންދިރުވައިލީ އުނދަގޫ ގޮތަކަށެވެ. "މިދިޔަ ދެ އަހަރު އެއީ އަހަންނަށް ދެ ގަރުނު..."

*********

"ގަބޫލެއް ނުކުރެވޭ..." ކަރުނައިގެ ތެރެއިން ބިންޔާ މަސައްކަތް ކުރީ ހިނިތުންވެލެވޭތޯއެވެ. އެހެނަސް، ހިތުގެ ރިހުން އެ މޫނުން ސިއްރެއް ނުވެއެވެ.

"ބިންޔާ!.. އައި އޭމް ސޮރީ..." ކުށްވެރިއަކު ފަދައިން މިޒްޔަލް ބިންޔާ އާއި ދިމާއަށް ހިނގައިގަތެވެ.

"ނާންނާތި!..." ބިންޔާ އަމުރުކުރިއެވެ. "އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް... އަހަރެން ކައިރީ މާފަށް އެދެންޖެހުނީ ކީއްވެ ކަމެއްވެސް..."

"އަހަރެން ހަމަ އެހާ ދުރުކޮށްލީތަ؟..." މިޒްޔަލް ދެރަވިއެވެ.

އެ އަޑު ޖެހުމުން ބިންޔާގެ ހިތް މަޑު ކަފަކޮޅަކަށް ބަދަލުވިއެވެ. މިޒްޔަލްގެ އަތުގެ ހިމާޔަތް ހޯދަން ހިތް އެދުނެވެ.

"ލެޓް މީ އެކްސްޕްލެއިން އެވްރީތިންގ..." މިޒްޔަލް މަސައްކަތްކުރީ އޭނާގެ ހާލަތު ބިންޔާއަށް ކިޔައިދޭށެވެ.

"ބުނެފީމެއްނު މިޒްޔަލް ދައްކާ ވާހަކަ ގަބޫލެއް ނުކުރެވެޔޭ..." ހިތުގެ އިހުސާސްތަކުގެ މައްޗަށް ކުރި ހޯދަމުން، ބިންޔާ ނުރުހިފައި ބުނެލިއެވެ.

މިޒްޔަލްގެ ހިތްވަރު އެލުނެވެ. ހުރިހާ ހިތާމައެއް ތަހަންމަލު ކުރަންޖެހުނަސް، ބިންޔާގެ ދުރުކަން ތަހަންމަލް ކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ. ބިންޔާ ގެއްލިއްޖެނަމަ، މުޅި އުމުރު އޭނާ އެކަމާއި ހިތާމަކުރާނެއެވެ. އަމިއްލަ ނަފުސު ކުށްވެރިކުރުން ހުއްޓާ ނުލެވޭނެކަން އޭނާއަށް އެނގެއެވެ.

ދެއަހަރު ކުރިން ކަންތައް ވީ މިޒްޔަލް ކުޑަކޮށްވެސް އުއްމީދުކުރި ގޮތަކަށް ނޫނެވެ. މަންމައަށް ދިމާވި ހިތްދަތިގޮތާއި، ހާލަތު ހިއްސާކުރަން އޭނާ އެންމެ ބޭނުންވާ މީހަކީ ބިންޔާއެވެ. އެދުވަހު މިޒްޔަލްއަށް އެނގުނީ އޭނާގެ ސިކުނޑިއަށް ކުޅަދާނަވާވަރުގެ ހަގީގަތެއް ނޫންކަމާއި، ސަމީރާގެ ހާލަތު ގޯސްވެ، ދަތުރު އެންމެ މިނެޓެއްވެސް ލަސްކުރެވެން ނެތުނީކަން ބިންޔާގެ ކައިރީގައި ހާމަކުރަން މިޒްޔަލްގެ ދޫ ހަރަކާތެއް ނުކުރިއެވެ. ލޯންޗަށް އަރަމުން މިޒްޔަލް ބިންޔާއަށް އެތައް ފަހަރަކު ގުޅިއެވެ. އެކަން ކާމިޔާބު ނުވަނީސް، މިޒްޔަލްގެ ފޯނު މޫދަށް ވެއްޓި، ބިންޔާއަށް ހަބަރު ވެވޭނެ މަގު ބަންދުވީއެވެ. އެދުވަހު މާލެ ނުގޮސް މިޒްޔަލް ދިޔައީ ސީދާ އެއާޕޯޓަށެވެ. މަންމަ އޮތް ހާލު ފެނުމުން، އޭނާގެ ހާލު ގޯސްވިއެވެ. ސިކުނޑިއަށް ލިބުނު ޝޮކުގައި މުޅި މީހާ ގަބުވީއެވެ. ރާއްޖެއިން ބޭރަށް ގޮސްފައި، ފަރުވާކުރަންޖެހުނީ ދެމީހުންނަށް އެއްކޮށެވެ. ހަސްފަތާލުގައި މިޒްޔަލް ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ރަނގަޅަށް ނުވެސް ކެވެއެވެ. ނުނިދެއެވެ. މުޅި މީހާގެ ހަށިގަނޑު ނިކަމެތިވިއެވެ. އިތުރު ސިއްހީ މައްސަލަތައްވެސް ކުރިމަތިވިއެވެ. އެ ހުރިހާ ކަމަކާއި އެކުގައިވެސް، މިޒްޔަލް އޭނާގެ މަންމަ ފެންނަ ހިސާބުން ދުރަކަށް ނުދެއެވެ. އިރު އަރާ އޮއްސޭއިރުވެސް އެންމެ ލޮލުފިޔައެއްވެސް ޖަހާލުމެއްނެތި، އޭނާ އެތައް ދުވަހެއް ހޭދަކުރިއެވެ. މިޒްޔަލްގެ ސިކުނޑިއަށް ލުއިކަމެއް ލިބުނީ ސަމީރާ ފުރަތަމަ ފަހަރަށް ލޯ ހުޅުވައި، މިޒްޔަލްއަށް ބަލައިލި ދުވަހުން ފެށިގެންނެވެ. މަންމައަށްޓަކައި ހިތްވަރު ކުރަން އޭނާ މަސައްކަތް ކުރަންފެށީ، ސައީދުގެ އެތައް ނަސޭހަތަކަށް ފަހުގައެވެ.

"މިޒްޔަލްއަށް ހީވަނީތަ، ހިތަށް އެރި ގޮތަކަށް ކަންތައްކޮށްފަ، ބޭނުން ދުވަހަކުން އައީމަވެސް މިޒްޔަލްގެ މީހެއްގެ ގޮތުގަ އަހަރެން ހުންނާނެއޭ..." ކަރުނަ ފޮހެމުން ބިންޔާ ވާހަކަ ދެއްކިއެވެ.

"އަހަރެން ދައްކާ ވާހަކަ އަޑު އަހާލަ ދީފާނަންތަ؟..." މިޒްޔަލް އާދޭހާއިއެކު އެދުނެވެ.

"އިތުރަށް ކޮން ވާހަކައެއް އަޑު އަހަން އޮތީ؟... އަދިވެސް ކަމެއް އޮޅުވާނުލެވި އޮތީތަ؟... އެންމެ ކުޑަކުޑަ ކަންކަމުގަވެސް މިޒްޔަލް ތިހުރީ އަހަންނަށް އޮޅުވާލާފައޭ... އަހަރެން ދެން ގަބޫލުކުރަންވީ ކޮން ކަމެއް؟... މިޒްޔަލްގެ އޮޅުވާލުން ބަލާލި ކޮންމެ ދިމާއަކުންވެސް މިހުރީ ފެންނަން... މިޒްޔަލްއަކީ މިތަނުގެ ވެރިމީހާ ކަން އެނގިއްޖެއްޔާ، އަހަރެން މުދަލާހެދި އުޅެފާނެކަމަށް ހީކުރީތަ؟..."

މާޒީ ހަނދާންވުމުން، ބިންޔާގެ އަޑު ނުކުތީ ކުރެހިގެންނެވެ. ތަނުގެ ވެރިމީހާއަށްވެ ހުރެ، މިޒްޔަލް އެކަން ސިއްރުކުރިލެއް މޮޅެވެ. އެއީ ސަތޭކައަކުން ސަތޭކަ ދޭ ވަރުގެ މޮޅު "އެކްޓިން" އެކެވެ. ދެމީހުން އެކުގައި މަސައްކަތްކުރަން އުޅުނުއިރު، މިޒްޔަލް ބިންޔާގެ ކައިރީގައި ދައްކާފައި ހުރި ވާހަކަތައް ހަނދާންވުމުންވެސް އޭނާގެ ރުޅި ގަދަވެއެވެ. އެވަރުގެ ކުޑަ ކަމަކަށްވެސް މިޒްޔަލް ވަނީ ބިންޔާއަށް އޮޅުވާލާފައެވެ. އެދުވަހު މިޒްޔަލް އޭނާގެ މޮޔަކަމަށް ކިހާ މަލާމާތެއް ކުރާނެ ހެއްޔެވެ؟

"މިޒްޔަލް ބޭނުންވި ހުރިހާ ކަމެއްވެއްޖެ.... ހަމަ ރަނގަޅަށްވެސް އަހަރެން މޮޔަ ހެއްދިއްޖެ..." ބިންޔާ ބުނެލިއެވެ.

ބިންޔާ ދާން ހިނގައިގަތެވެ. އެ މަންޒަރު ބަލާކަށް މިޒްޔަލްއަކަށް ކެތެއް ނުވިއެވެ. އޭނާ ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ފުރަގަހުން ބިންޔާގެ ގައިގައި ބައްދައިލިއެވެ. ބިންޔާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ހުރިތަނަށް ގަނޑުވިއެވެ.

"އަހަންނަށް ކުށް ކުރެވިއްޖެ..." މިޒްޔަލް ދެލޯ މަރައިލީ، ހިތުގެ ރިހުމަށް ލުޔެއް ހޯދުމަށެވެ. އޭނާގެ އަޑު ނުކުތީ، މަޑު އާހެއްގެ އަޑާއި އެކުވެގެންނެވެ. "ތިގޮތަށް އަހަރެން ދޫކޮށްލާފަ ނުދޭ... އަހަރެންގެ ހިތުގަ އަދިވެސް އޮތީ ބިންޔާގެ ނަން... އަހަރެންގެ ހިތް ދުވަހަކުވެސް ބަދަލެއް ނުވާނެ... މި ލޯތްބަށް ފަނޑުކަމެއް ނާންނާނެ..."

"ދޮގު... ހުސް ދޮގު... ތި ވާހަކަތައް ދެން ގަބޫލުކުރާކަށް ބޭނުމެއް ނޫން..." ބިންޔާއަށް ރޮވުނެވެ. "އަހަރެން މިޒްޔަލްދެކެ ރުޅިއާދޭ... ނަފުރަތުކުރަން... ފޫހިވޭ..."

ބިންޔާ ރޮއެރޮއެފައި އެތައް އެއްޗެއް ކިޔެވެ. އެކަމަކު، މިޒްޔަލް ދުރުކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތް ވަނީ މިޒްޔަލަށް ލެނބިފައެވެ. އެގާތްކަމަށް ބޭނުންވެފައެވެ. ފަސްއެނބުރި މިޒްޔަލްގެ މޭގައި މޫނު ފޮރުވާލަން ބިންޔާގެ ހިތް އެދުނެވެ. އެ އަތުގެ ހިމާޔަތުގައި ހުރެ، އެތައް ޝަކުވާއެއް ކުރަން ބޭނުންވިއެވެ. ކަރުނަ ހުސްވަންދެން ރޯން ހިތް އެދުނެވެ. އެކަމަކު، މާޒީގައި މިޒްޔަލް ކަންތައް ކުރިގޮތުން ލިބުނު ހިތާމަތައް ހަނދާންވެ، ބިންޔާ އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދިނެވެ.

"އަހަންނަށް އެއްފަހަރު ބިންޔާއާ ދުރަށް ދެވިއްޖެ... ދެން ދުރުވާކަށް ބޭނުމެއް ނޫން..." މިޒްޔަލް ބިންޔާގެ ގައިގައި ބާރަށް ހިފަހައްޓައިލިއެވެ.

ބިންޔާ މިޒްޔަލްގެ އަތުގައި ދަތްއެޅުމަށްފަހު، އެ އަތްދަށުން މިނިވަންވިއެވެ.

މިޒްޔަލް އިސްޖަހައިލިއެވެ. އޭނާ ބިންޔާ ދާން ދޫކޮށްލީ އެގޮތް ބޭނުންވެގެނެއް ނޫނެވެ. ބިންޔާއާއިމެދު ކަންތައް ކުރެވުނުގޮތުން، އަމިއްލަ ނަފުސު ކުށްވެރި ކުރެވުނު ވަރުންނެވެ. ބިންޔާ ނުކުމެގެން ދަންދެން، ބަލަން ހުރުން ނޫންކަމެއް އޭނާއަކަށް ނުކުރެވުނެވެ. ބިންޔާ ބުނީ ތެދެކެވެ. މިޒްޔަލް ބިންޔާއަށް އޮޅުވާލީއެވެ. ކުދިކުދި ކަންކަންވެސް ސިއްރުކުރީއެވެ. ބިންޔާ އެކަނިކޮށް ނުލާނެކަމަށް ބުނެ، ވައުދުވެފައި އޭނާ ދިޔައީ ދުރަށެވެ. މިޒްޔަލަށް ގޮނޑިއަށް ވެއްޓިގަނެވުނެވެ. މާޒީ ހަނދާންވުމުން، އޭނާއަށް ކުރެވުނީ ހިތި އިހުސާސެކެވެ.

ބިންޔާއަށް ނުކުމެވުނީ އަމަންގެ ކުރިމައްޗަށެވެ. ކަރުނަ ފޮހެލުމަށްފަހު، ވީހާވެސް ބޮޑަށް އިސްޖަހާލައިގެން ހުރެ އޭނާ ނުކުމެގެން ދިޔައީއެވެ. ބިންޔާއަށް ބަލަން ހުރުމަށްފަހު، އަމަން އެތެރެއަށް ވަނެވެ.

"މިހާރު ކިހިނެއްވީ؟..." މިޒްޔަލް އޮތްގޮތުން އަމަން ހިތްހަމަނުޖެހުނެވެ.

ބިންޔާއަކީ ކާކުކަން އެނގުނުފަހުން، މިޒްޔަލްމެންގެ ގުޅުމަށް އަމަންގެ ރުހުމެއް ނުލިބުނެވެ. އަދިވެސް އެކަން އޮތީ އެގޮތަށެވެ. މިޒްޔަލާއި ބިންޔާ ބައްދަލުވާންވެސް އޭނާ ނޭދެއެވެ.

"އަމަން... އަހަރެން މީ ވަރަށް ގޯސް މީހެއް..." މިޒްޔަލްގެ ހިތް ފަޅައިގެން ގޮސްފައިވާ ކަހަލައެވެ. ހުއްޓުމެއްނެތި އެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ. "އަހަންނަށް ބިންޔާ ދެރަކޮށްލެވިއްޖެ... ވަރަށް ބޮޑަށް ދެރަކޮށްލެވިއްޖެ..."

މިޒްޔަލް އެހާ ހިތުގައި ޖެހިފައި އިންދާ އަމަންއަށް ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. ކުޑަ އިރުކޮޅަކު އެއްޗެއް ނުބުނެވިފައި އޭނާ މިޒްޔަލަށް ބަލަން ހުއްޓެވެ.

"އަންހެން ކުދިން ހުސްވީކީ ނޫނެއްނު..." ވިސްނައިދޭ ރާގަކަށް އަމަން ބުންޏެވެ.

"އަހަންނަށް ބިންޔާ ނޫން ކުއްޖެއްދެކެ ލޯތްބެއް ނުވެވޭނެ..." މިޒްޔަލް ދެފަރާތަށް ބޯ ހޫރައިލިއެވެ.

"މިޒްޔަލް!... އަހަންނަށް ވަރަށް ގިނަ ކަންކަން އެނގޭ... މިޒްޔަލްއަށް ނޭނގޭ އެތައް ކަމެއް... މިޒްޔަލްއަށް ބިންޔާގެ މާޒީ އެނގޭނަމަ، އޭނަޔާ ހެދި ތިވަރަކުން ނޫޅޭނެ..." އަމަން މަސައްކަތްކުރީ ހަގީގަތް ހާމަކުރާށެވެ. އޭނާ ހުއްޓުވާކަށް މިއަދު ޝިމާޢުއެއް ނެތެވެ.

"އަހަންނަށް ބިންޔާގެ މާޒީ މުހިއްމެއް ނޫން..." މިޒްޔަލް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

"މިޒްޔަލްއަށް އެނގޭތަ މިޒްޔަލްގެ މަންމައަށް އެހެން ދިމާވީ ކާކުގެ ސަބަބުންކަން؟... މިޒްޔަލްގެ މަންމައާ ބައްޕަ ދުރުވީ ކީއްވެކަން އެނގޭތަ؟..." އަމަންއަށް ވާހަކަ ދައްކަން ހިތްވަރު ލިބުނެވެ. "އެއީ މިޒްޔަލް ތި ލޯބިވާ ބިންޔާގެ މަންމަގެ ސަބަބުން..."

"އޭނ؟..." މިޒްޔަލްގެ ކަރުނަތަކަށް ހުއްޓުމެއް އައެވެ.

"އާނ... ހުރިހާ ކަމެއް ކުރީ ބިންޔާގެ މަންމަ... އެއީ މަސްތުވާތަކެތީގެ ހާއްޔެއްގެ ތެރެއިން ނުކުމެގެން އައި މީހެއް... އޭނަ ނުކުރާ ނުބައިކަމެއް ނެތް... ޕޮލިސް ރެކޯޑުތަކުން އެހުރީ ހުރިހާ ކަމެއް ފެންނަން... މިޒްޔަލްގެ މަންމައާ ބައްޕަގެ ގުޅުން ހަލާކުކޮށްލާފަވެސް އޭނަގެ ހިތެއް ނުފުރުނު... މިޒްޔަލްގެ މަންމަ އެ އާސިފުގެ އަތްދަށަށް ދާން މަޖުބޫރުކުރީ ހަމަ އެ ބިންޔާގެ މަންމަ... އެއީ މިޒްޔަލްގެ ދޮންމަންމައާ ގުޅިގެން އޭނަ ކުރި ކަމެއް... ތެދުތެދަށް ބުނަންޏާ، އިމޯޝަނަލީ ބްލެކްމެއިލް ކުރީ... މިޒްޔަލްމެންގެ ދިރިއުޅުމުން ނުގޮސްފިނަމަ، ތި އެންމެން މަރާލާނެ ކަމަށް ބުނެގެން..." އަމަން އެއް ނޭވާއިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ.

"އަހަންނަށް އެއްވެސް އެއްޗެއް އަންޑަސްޓޭންޑެއް ނުވޭ..." މިޒްޔަލް އޭނާގެ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އޭނާގެ ސިކުނޑި ވަނީ ފަޅައިގެންދާން ކައިރިވެފައެވެ.

"އެވަރު މީހެއްގެ ދަރިއަކާތަ މިޒްޔަލް ތިހާ ވަރުން ތިއުޅެނީ؟... މިޒްޔަލްގެ މަންމައަށް އިހުތިރާމު ކުރާނަމަ ބިންޔާއާ ދުރުވޭ... އޭނަގެ މަތިން ހަނދާން ނައްތާލާ..." އަމަން އެދުނެވެ.

އަމަންގެ ވާހަކަ އަޑު އިވޭ ހިސާބުގައި ހުރި ސަރަފިއްޔާއަށް މޭގައި އަތް ޖައްސައިލެވުނެވެ. އެނގިގެންދިޔަ ހަގީގަތެއްގެ ސަބަބުން މިޒްޔަލްގެ ހިތުގައި ކިހާ ވޭނެއް އަޅާނޭކަން ސަރަފިއްޔާއަށް އެނގެއެވެ. އަމަން ނުކުންނަން އުޅޭހެން ހީވެ، ސަރަފިއްޔާ ފާރާއި ނިވާވެލިއެވެ.

ސަރަފިއްޔާ އެތެރެއަށް ވަންއިރު، މިޒްޔަލް އޮތީ މޭޒުގައި ބޯ އަޅާލައިގެންނެވެ. ލޯބިވާ މާމަދަރިފުޅުގެ ހާލު ފެނި، ސަރަފިއްޔާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެ ކުއްޖާއަށް ކުޑަވެސް އުފަލެއް ނެތީބާއޭ އޭނާގެ އަމިއްލަ ހިތާއި ސުވާލުކުރެވުނެވެ. ލޯބިވާ އެތައް ބައެއްގެ ފަރާތުން މިޒްޔަލަށް ހިތްދަތިކަން ނޫން އެއްޗެއް ނުލިބެއެވެ.

"ދަރިފުޅާ!..." މިޒްޔަލްގެ ބޮލުގައި ފިރުމައިލަމުން ސަރަފިއްޔާ ގޮވައިލީ ވަރަށް ލޯބިންނެވެ.

މިޒްޔަލް ކުއްލިއަކަށް މާމަގެ ގައިގައި ބައްދައިލިއެވެ. އެ ހުރިހާއިރު ކެތްކުރަން މަސައްކަތްކުރި މިޒްޔަލްއަށް ގިސްލާފައި ރޮވެން ފެށުނީ މާމަގެ ހިމާޔަތް ލިބުމުންނެވެ.

(ނުނިމޭ)