ބަދުރު ހަނގުރާމައިގެ ހާދިސާއިން އަންގައިދެނީ ދީނަށްޓަކާ ވާންޖެހޭ ގުރުބާނީގެ މަތިވެރިކަން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

ބަދުރު ހަނގުރާމަ ހިނގާފައި ވަނީ، ހިޖުރައިން ދެވަނަ އަހަރު ރަމަޟާން މަހުގެ 17ވަނަ ދުވަހުއެވެ.

"ބަދުރު ހަނގުރާމައިގެ ފިލާވަޅުތައް" މި މައުލޫއަށް މިއަދު ދިން ޚުތުބާގައި ބުނީ، ބަދުރު ހަނގުރާމައިން ދަސްކޮށްދެނީ ނަޞްރަކީ މާތްﷲ ދެއްވާ އެއްޗެއް ކަން ކަމަށެވެ. އެއީ ފަހަރެއްގައި ވެސް ބައިބޯކަމާއި، ހަތިޔާރުގެ މޮޅުކަމަށް ބިނާ ވެފައިވާ ކަމެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.

ބަދުރު ހަނގުރާމައިގައި މުސްލިމުންގެ އަދަދަކީ ތިންސަތޭކަ ތޭރަ ވަރަކަށް ބޭކަލުންނެވެ. އޭގެތެރޭގައި ތިއްބެވީ އެންމެ ދެ އަސްވާރުންނެވެ. ދުޝްމަނުންގެ ލަޝްކަރުގެ އަދަދު ހާހަކަށްވުރެ ގިނައެވެ. އެމީހުން ނުކުތީ ރަނގަޅަށް ހަނގުރާމައަށް ތައްޔާރު ވެގެނެވެ.

މި ހަނގުރާމައިން ލިބޭ އަނެއް އިބުރަތަކީ، މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ ދެންނެވުން ކަމުގައި ޚުތުބާގައި ބުންނެވެ.

"ހަނގުރާމައަށް ތައްޔާރުވަމުން ދިޔަހިނދު ކީރިތި ރަސޫލާ ދެއަތްޕުޅު ހިއްލަވާ ﷲގެ ހަޒުރަތުގައި ނަސްރަށް އެދިވަޑައިގެން އާދޭސް ދަންނަވާ ދުޢާ ކުރައްވަމުން ގެންދެވިއެވެ،" ޚުތުބާގައި ބުންޏެވެ.

އެހިނދު މާތްﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ.

"ތިޔަބައި މީހުންގެ ވެރި ރަސްކަލާންގެ ހަޒްރަތަށް އެހީއަށް އެދި ތިޔަބައި މީހުން ދެންނެވި ހިނދު ހަނދުމަކުރާށެވެ! ފަހެ އެހިނދު އެކަލާންގެ ތިޔަބައި މީހުނަށް އިޖާބަ ދެއްވާ އެންގެވިއެވެ. މަލާއިކަތުންގެ ތެރެއިން ހާހަކުން ތިމަން ރަސްކަލާންގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާހުށީމެވެ. އެއްބޭކަލަކަށް ފަހު އަނެއް ބޭކަލެއް ވަޑައިގަންނަވާ ގޮތުގައެވެ،"

ބަދުރު ހަނގުރާމައިގައި މަލާއިކަތުންގެ ފައުޖުތައް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން ތިންހާސް މަލާއިކަތުން ފޮނުއްވެވި ވާހަކަ އާއި ފަސްހާސް މަލާއިކަތުން ފޮނުއްވެވި ވާހަކަ އާލް އިމްރާން ސޫރަތުގައި ބަޔާންކުރައްވާފައި ވާކަމަށް ޚުތުބާގައި ބުންޏެވެ.

ބަދުރުގެ ނަސްރުން އިބުރަތް ހާސިލްކޮށް އިސްލާމް ދީނުގެ ދިފާއުގާ ކުރަން ޖެހިއްޖެ ކޮންމެ ކަމަކާ ކެރިގެން ކުރިމަތި ލުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ރަސޫލާގެ ހައްގުގައި ވާންޖެހިއްޖެ ގުރުބާނީއަކަށް ފަސް ނުޖެހުމަށާއި ކެތްތެރިކަމާ، ތަގުވާވެރިކަމާ، އެކުވެރިކަމާ އެކު ސީދާ މަގުގައި ދެމި ތިބުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.