އެކްޓަރު ޝާހްރުކް ޚާންގެ ފުރަތަމަ ބޮލީވުޑް ފިލްމު "ދީވާނާ"އިން ގިނަ ބައެއްގެ ހިތް ފަތަޙަކުރި ބަތަލާ ދިވްޔާ ބާރްތީ މަތިން ހަނދާން އެބަހުރިހެއްޔެވެ؟ ފިލްމު "ވިޝްވަތްމާ"އިން 1992ވަނަ އަހަރު ހިންދީ ސިނަމާއަށް ނުކުތް ބަތަލާ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދީ ހަމަ އެއަހަރު ރިލީޒްވި ފިލްމު "ދިލްކާ ކިޔާ ކުސޫރް"އިންނެވެ.

ފިލްމީ ކެރިއަރުގެ ކުރީކޮޅު ދިވްޔާ ގިނައިން ކުޅެފައިވަނީ ތަމަޅަ އަދި ތެލުގޫ ފިލްމުތަކެވެ. ފިލްމު "ދިލްކާ ކިޔާ ކުސޫރް"ގެ ރީތި މިއުޒިކަށާއި ދިވްޔާގެ މައުސޫމުކަމަށް ގިނަ ބައެއްގެ ހިތްޖެހުމާއެކު ދިވްޔާއަށް ހިންދީ ސިނަމާއިން ގިނަ ފުރުސަތުތައް ލިބެންފެށިއެވެ.

ޢުމުރުން އެންމެ 16 އަހަރުގައި ފިލްމީ ދުނިޔެއާއި ގުޅުނު ބަތަލާ ވެގެންދިޔައީ އެ ދުވަސްވަރު ހިންދީ ސިނަމާގައި ހުރި އެންމެ މަގުބޫލު އަދި އެންމެ އަގުބޮޑު ބަތަލާކަމުގައެވެ. ފިލްމު "ޝޯލާ އޯރް ޝަބްނަމް"، "ޖާންސޭ ޕިޔާރާ"، "ބަލްވާން" އަދި "ރަންގް" ފަދަ ފިލްމުތަކަކީ ދިވްޔާގެ ފިލްމީ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތަކެވެ. ގިނަ ބައެއްގެ ހިތްތައް ރޮއްވާލުމަށްފަހު ބަތަލާ މިދުނިޔެއާ ވަކިވެގެންދިޔައީ 1993ވަނަ އަހަރުގެ އޭޕްރީލް 5ގައެވެ.

ދިވްޔާ މަރުވުމާއެކު އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާއެކު ސިއްރުންކުރި ކައިވެނީގެ ވާހަކައެވެ. މިހާތަނަށް ވެސް ސާޖިދް ނަދިއަދްވާލާ މިކަމާބެހޭގޮތުން ރަސްމީކޮށް ވާހަކަދައްކާފައެއް ނުވެއެވެ. ހަތަރު މަސް ދުވަސް ވަންދެން ކައިވެނި ސިއްރުކުރުމަށްފަހު ސާޖިދް ވަނީ ދިވްޔާގެ މައިންބަފައިންގެ ރުހުން ވެސް ފަހުން ހޯދާފައިކަމަށް އިންޑިއާގެ ނޫސްތަކުގައި ލިޔެފައިވެއެވެ.

ދިވްޔާ ބާރްތީގެ މަރަށް މިދިޔަ ބުދަ ދުވަހު 30 އަހަރުވެފައިވާއިރު މިއަދާ ހަމައަށްވެސް ބަތަލާގެ ހަނދާންއާކުރާ ސަޕޯޓަރުން އެބަތިއްބެވެ. އޭގެތެރޭގައި ދިވްޔާއާއެކު އޭރު މަސައްކަތްކުރި ފިލްމީ ތަރިންވެސް ހިމެނެއެވެ. ދިވްޔާއާއެކު ފިލްމީ ކެރިއަރު ފެށި މިހާރުގެ ސުޕަ ސްޓާ ޝާހްރުކް ޚާން ބުނެފައިވަނީ، ދިވްޔާއަކީ ވަރަށް ހުނަރުވެރި ބަތަލާއެއްކަން ފުރަތަމަ ބައްދަލުވުމުން ވެސް ދެނެގަނެވުނު ކަމަށެވެ. ބަތަލާ މަރުވިއިރު ޝާހްރުކް ޚާންއާއެކު އިތުރު ފިލްމެއްގެ މަސައްކަތް ކުރުމަށް ވެސް ވަނީ ރޭވިފައެވެ.

މީގެ އިތުރުން ވެސް އިތުރު 10 ފިލްމަކަށް ދިވްޔާވަނީ އޭރު ސޮއިކޮށްފައެވެ. އޭގެތެރޭގައި މަޝްހޫރު ފިލްމު "ލާޑްލާ"، "މޮހޮރާ"، "ދިލްވާލޭ"، "ވިޖޭޕަތް" އަދި "ހަލްޗަލް"ހިމެނެއެވެ. ދިވްޔާ މަރުވެފައިވަނީ މުމްބާއީގައި ހުންނަ އަމިއްލަ އެޕާޓްމަންޓްގެ ބެލްކަނީގެ ދޮރުން ވެއްޓުމާ ގުޅިގެން ބޮލަށް ލިބުނު ސީރިއަސް ގެއްލުމަށް ފަރުވާ ދެމުންދަނިކޮށެވެ.