07 Apr 2023, 01:14
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ޓަވަރުތަކުގެ ތެރެއިން ފަސް ވަނަ ޓަވަރުގެ ފްލެޓެއްގައި މިރޭ ރޯވެއްޖެއެވެ.
"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ ފަސް ވަނަ ޓަވަރުގެ 17 ވަނަ ފަންގިފިލާގައި ހުރި ފްލެޓެއްގައެވެ.
އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، ފްލެޓުގެ ބެލްކަނިން އަލިފާންގަނޑާއި ދުން ފެތުރޭ މަންޒަރު ފެނެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ފްލެޓުގައި ދިރިއުޅޭ މީހުން މިހާރު ވަނީ އެ އަލިފާންގަނޑު ނިއްވާލާފައެވެ. ނަމަވެސް އަލިފާންގަނޑު ފެތުރުނު މިންވަރާއި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.
އެމްއެންޑީއެފްއިން މިވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ނަމަވެސް އެ ހާދިސާއާ ބެހޭ އިތުރު ތަފްސީލެއް އަދި ދެވެން ނެތް ކަމަށް ސިފައިން ވަނީ ބުނެފައެވެ.