07 Apr 2023, 11:36
ދަ ފިލްމު މެޑްޑޮކްސްއިން މިދިޔަ މަހުގެ 24ގައި ރިލީޒްކުރި ފިލްމު "ޗޯރް ނިކަލްކޭ ބާގާ" ބެލި މީހުންގެ އަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެއްޖެއެވެ.
ނެޓްފްލިކްސްގައި ޕްރިމިއާކުރި މި ފިލްމު ބެލި މީހުންގެ އަދަދު މައްޗަށް ޖެހިލިއިރު މީގެކުރިން މިރެކޯޑް އޮތީ މިދިޔަ އަހަރު ބޮޑު ކާމިޔާބީއެއް ހޯދި ދެ ފިލްމު "އާރްއާރްއާރް" އަދި "ގަންގޫބާއީ" އަތުގައެވެ.
ދިނޭޝް ވީޖަން ޕްރޮޑިއުސްކޮށް އަޖޭ ސިންގް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ވަނީ އިންޑިއާގެ އިތުރުން 61 ޤައުމެއްގެ އެންމެ މަޤުބޫލު 10 ފިލްމުގެ ލިސްޓުން ޖާގަ ހޯދާފައެވެ. މިލިސްޓުން ފިލްމު "ޗޯރް ނިކަލްކޭ ބާގާ" ވަނީ ދެވަނަ މަޤާމުގައެވެ.
ފިލްމު ރިލީޒްކުރިތާ ދެ ހަފުތާވެފައިވާއިރު މިހާތަނަށް ނެޓްފްލިކްސްގައި ފިލްމުވަނީ 20 މިލިއަންގަޑިއިރު ފަހަނައަޅާފައެވެ. ޔާމީ ގޯތަމްގެ އިތުރުން ސަނީ ކޯޝަލް މުހިއްމު ރޯލް ކުޅެފައިވާ މި ފިލްމަކީ، ތްރިލާ ފިލްމެކެވެ. ފިލްމަށް ބެލުންތެރިންގެ ފަރާތުން މިހާބޮޑު މަޤުބޫލުކަމެއް ހާއްސަކޮށް ބޭރު ޤައުމުތަކުގައި ފިލްމު މަޤުބޫލުވުމާއެކު މިއީ މިފަދަ މި ފިލްމުތައް އިތުރަށް އުފެއްދުމަށް ލިބުނު ހިތްވަރެއްކަމަށް ފިލްމުގެ ޕްރޮޑިއުސަރު ވަނީ ބުނެފައެވެ. ހާއްސަކޮށް ފިލްމުގައި ޔާމީ ގޯތަމްއާއި ސަނީ ކޯޝަލް ދެއްކި ޕާފޮމެންސްއާމެދު ވަރަށް ހިތްހަމަޖެހޭކަމަށް ޑައިރެކްޓަރު އަޖޭ ސިންގް ވަނީ ބުނެފައެވެ.
ބަތަލާ ޔާމީ ގޯތަމްއަކީ ފިލްމީ ދާއިރާގައި މި ވަގުތު ތިބި ބަތަލާއިންގެ ތެރެއިން ވަރަށް ތަފާތު ފިލްމުތައް ކުޅެން ޝައުޤުވެރިވާ ބަތަލާއެކެވެ. މިއަހަރުތެރޭ މީޑިއާއަށް ދިން އިންޓަވިއުއްގައި ޔާމީ ބުނެފައިވަނީ މީގެކުރިން ފިލްމުތަކަށް އާބަސް ބުނާއިރު އެހާބޮޑަށް ސްކްރިޕްޓާމެދު ނުވިސްނާ ކަމަށެވެ. އެހެންނަމަވެސް މިހާރު އިސްކަންދެނީ ރަގަޅު ޕާފޮމެންސެއް ދެއްކޭނެ ފިލްމުތައް ކުޅެން އިސްކަން ދިނުމަށް ކަމަށް 34 އަހަރުގެ ބަތަލާވަނީ ބުނެފައެވެ.
ފިލްމު "ބަދްލާ ޕޫރް"، "ކާބިލް" އަދި "އަ ތާޒްޑޭ"ފަދަ ފިލްމުތައް ކުޅެފައިވާ ބަތަލާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެތެރޭގައި އަބީޝެކް ބައްޗަންއާއެކު ކުޅުނު ފިލްމު "ދާސްވީ" ހިމެނެއެވެ.