ސަފާ ގްރޫޕްގެ ހަވާލުގައި އިއްޔެ ހެނދުނު އުމްރާއަށް ފުރަން ތައްޔާރުވި ގްރޫޕަށް ވިސާ ނުލިބިގެން ފުރޭގޮތް ނުވީ އެ ގްރޫޕްގެ އިހުމާލުންކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

ސަފާ ގުރޫޕަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފުރަން ހަމަޖައްސާފައި އޮތީ އިއްޔެ ހެނދުނެވެ. އެކަމަކު، އިއްޔެ ފަތިހު ޢުމްރާވެރިންނަށް ހާއްސަކޮށްފައިވާ ވައިބާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ދަތުރު ކެންސަލް ވީ ކަމަށް ބުނެފައެވެ.

މި މައްސަލަ އިސްލާމިކް މިނިސްޓްރީން ބެލުމަށްފަހު ރޭ އާއްމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވިސާ ނުލިބިގެން ސަފާ ގްރޫޕް މީހުނަށް އުމްރާއަށް ފުރޭގޮތް ނުވީ އެ ގްރޫޕުން ދުރާލާ ވިސާނެގުމުގެ ކަންކަން ހަމަޖައްސާފައި ނުވުމުން ކަމަށެވެ. މިގޮތުން 3 މަސް ދުވަހަށް އުމްރާ ވިސާ ލިބޭކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރިއެވެ.

ވިސާގެ ކަންކަން ހަމަޖެހިފައިނުވަނީ ވިސާ ހޯދުމަށް އެދުނު ސައުދީ އެޖެންސީގެ ފަރާތުން މިހާތަނަށް ވިސާގެ ކަންކަން ހަމަޖެހިފައި ނުވާތީކަމަށް އައްޟަފާ ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، އިސްލާމިކް މިނިސްޓްރީން ބުނީ، ވިސާ ނުލިބުމުގެ މައްސަލަ ދިމާވީ، ސަޢުދީ ސަރުކާރުގެ މައްސަލައަކުން ނޫން ކަމަށެވެ.

އުމްރާ ވިސާއަކީ ސައުދީ ސަރުކާރުން އެކަމަށް ހުއްދަ ދީފައިވާ އޭޖެންސީތަކުން ޢުމްރާ ކުންފުނިތަކަށް ދޭ ޚިދުމަތްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން މި ވިސާ އަކީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންވެސް ފޯރުކޮށްދޭ ޚިދުމަތެކެވެ.

އިސްލާމިކް މިިނިސްޓްރީން ބުނީ އުމްރާ ފަދަ މަތިވެރި އަޅުކަމަށް ދިއުމަށް ފައިސާ ދައްކައި ފުރަން އޮންނަ ދުވަހަށް ދަތުރުވެރިންނަށް ފުރޭގޮތް ނުވުމަކީ އެ މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ސަފާ ގްރޫޕަށް، އުމްރާވެރިންގެ އަތުން އިތުރު ފައިސާއެއް ނެގުމަކާ ނުލައި ލަސްނުކޮށް ވީހާވެސް އަވަހަކަށް މި ރަމަޟާންމަހުގެ ޢުމްރާ ދަތުރަށް ފުރުމުގެ އިންތިޒާމު ހަމަޖެއްސުމަށް އަންގާފައެވެ.

އަދި މިބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ފަދަ ގޮތަކަށް ހަމަޖައްސައި، ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ އެއްގޮތަށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާއަށް މީހުން ގެންދާ ގްރޫޕްތަކަށް އިލްތިމާސްކޮށްފައެވެ.