07 Apr 2023, 11:52
މި އަހަރުގެ ފުޓުބޯޅަ ސީޒަނަށް ކުލަބް ވެލެންސިއާއިން ފަރިތަކުރުންތައް ފަށައިފިއެވެ.
ވެލެންސިއާއަކީ މިއަހަރުގެ ފުޓުބޯޅަ ސީޒަނަށް ފަރިތަކުރުންތައް ފެށި ހަތަރު ވަނަ ކުލަބެވެ. މީގެ ކުރިން މިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި ކުލަބް އީގަލްސްގެ އިތުރުން ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ބުރު ސްޕޯޓްސް ކުލަބުން ވަނީ ފަރިތަކުރުންތައް ފަށައިފައެވެ.
ވެލެންސިއާއިން އާ ސީޒަނަށް ފަރިތަކުރުންތައް ފެށިއިރު، އެ ޓީމުގެ ފަރިތަކުރުންތަކުގައި އިސްކޮށް ހަރަކާތްތެރިވަނީ އިސްމާއިލް އާސިފް (ކުޑަހީނާ)އެވެ. އަދި ވެލެންސިއާގެ ފަރިތަކުރުންތަކުގައި މީގެ ކުރިން މާޒިޔާއަށް ކުޅުނު މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) ބައިވެރިވެއެވެ.
މި ފަހަރުގެ ފުޓުބޯޅަ ސީޒަނަށް ފުރަތަމަ ޑިވިޝަނުގެ ހަތަރު ޓީމުން ފަރިތަކުރުންތައް ފަށައިފައިވާއިރު އަނެއް ހަތަރު ޓީމުން މިހާތަނަށް ފަރިތަކުރުންތައް ފަށާފައެއް ނުވެއެވެ. އޭގެ ތެރެއިން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ކުލަބް ގްރީން ސްޓްރީޓްސް އިން މި ސީޒަނުގެ ފުރަތަމަ މުބާރާތް، ޕްރެޒިޑެންޓްސް ކަޕުގައި ބައިވެރިނުވާނެއެވެ.
ވެލެންސިއާއިން ޕްރެޒިޑެންޓްސް ކަޕް ބޯމަތިވެފައި ވަނިކޮށް ފަރިތަކުރުންތައް ފެށިއިރު، އެ ޓީމަކީ އެންމެ ފަހުގެ ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންއެވެ.