07 Apr 2023, 15:13
ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށާއި، ނަޒާހަތްތެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެޗްއާރްސީއެމްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް މަރިޔަމް މުނާއެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލްއެވެ.
މި ފަހުމުނާމާގެ ދަށުން، ކޮރަޕްޝަނުގެ ކުށުގެ ސަބަބުން ގެއްލޭ އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ އިތުރުން އެފަދަ ކޮރަޕްޝަނުގެ ކުށްތައް ހުއްޓުވުމާއި މަނާކުރުމަށް އަދި ނަޒާހަތްތެރިކަން ކުރިއެރުވުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީން މައުލޫމާތުދެއެވެ.

ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: އޭސީސީ
މި ރަސްމިއްޔާތުގައި އޭސީސީގެ ފަރާތުން ވާހަކަފުޅުދައްކަވަމުން ކޮމިޝަނުގެ މެމްބަރު ޠާހާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، ދެ މުއައްސަސާގެ މަސައްކަތަށް މިކަމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި، ޖުމްލަގޮތެއްގައި މި ފަހުމުނާމާގެ ސަބަބުން ލިބިގެންދާނެ ކުރިއެރުންތަކާއި ފެންނާނެ ހެޔޮބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
އާންމުން ހޭލުންތެރިކުރުވުމަށާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ދެ މުއައްސަސާގެ މުވައްޒަފުންގެ ފަންނީ ގާބިލްކަމާއި ހުނަރު އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުން ފަދަ ކަންކަން މި ފަހުމުނާމާގައި ހިމެނެއެވެ. ރަސްމިއްޔާތުގައި ދެ ކޮމިޝަނުގެ މެންބަރުންނާއި އިސްވެރިން ވަނީ ބައިވެރިވެފައެވެ.