ރ. ހުޅުދުއްފާރަށް ދިޔަ އެ އަތޮޅު ރަސްގެތީމު ބަޔަކާ ހުޅުދުއްފާރުގެ ބަޔަކާ ދެމެދު ހިންގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ހުޅުދުއްފާރުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭ 18 އަހަރުން ދަށުގެ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް އަދި ރަސްގެތީމުން މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ނުބުނެ އެވެ.

މިމަހުގެ 14 ވަނަ ދުވަހު ހުޅުދުއްފާރަށް ދިޔަ ރަސްގެތީމު ބޯޓެއްގައި ތިބި ބަޔަކަށް އެރަށު ބަޔަކު ހަމަލާދިނުމުގެ ސަބަބުން ހަ މީހަކަށް އަނިޔާވެފައި ވެއެވެ.

ހުޅުދުއްފާރު ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޒުބައިރު ވިދާޅުވެފައިވަނީ ރަސްގެތީމު ބޯޓަކުން ދިޔަ މީހުންނަށް ހުޅުދުއްފާރުން ބަޔަކު ހަމަލާ ދިނީ ހުޅުދުއްފާރުގެ ޒުވާނުންތަކެއް އެ އަތޮޅު ވާދޫގައި ތިއްބާ މީގެ ކުރިން ރަސްގެތީމު ބަޔަކު އެ މީހުންނަށް ހަމަލާދީފައިވާތީ ކަމަށެވެ. އަދި ވިދާޅުވީ ކުރީ ފަހަރު މާރާމާރީ ހިންގި މީހުންގެ ތެރެއިން ބައެއް މީހުން ބޯޓުގައި ތިބުމުން އެމީހުން ބޯޓުން ބާލަން ބައެއް މީހުން މަސައްކަތް ކުރި ނަމަވެސް އެކަން އެގޮތަށް ކުރެވިފައި ނުވާ ކަމަށެވެ.

ޒުބައިރު ވިދާޅުވީ އެ ހާދިސާގެ ފަހުން ލަކުޑިބުރި ތަކަކާއެކު ރަސްގެތީމުގެ 10 ވަރަކަށް މީހުން ލޯންޗެއްގައި ހުޅުދުއްފާރަށް އައިސް ބަނދަރުމަތީ ތިބި ރަށުގެ ބައެއް މީހުންނަށް ހަމަލާ ދިނުމަށް ފަހު ރަށުތެރެއަށް އެރި ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެމީހުން ހުއްޓުވާ އެމީހުން އަތުގައި ހުރި ލަޓިބުރިތަކާއެކު ރަށުން ބޭރުކޮށްފައިވާ ކަމަށެވެ.