މިމަހުގެ 28ގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ވެބް ސީރީސް "ސިޓަޑެލް"ގައި އުޅެމުން އިތުރު ހޮލީވުޑް ފިލްމަކަށް ސޮއިކޮށްފައިވާކަމަށް ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

"ހެޑް އޮފް ސްޓޭޓް" ނަމަކަށް ކިޔާ މި ފިލްމުން ޕްރިޔަންކާއާއެކު ފެންނާނީ ހޮލީވުޑްގެ މަޝްހޫރު ތަރިންކަމަށްވާ އިޑްރިސް އެލްބާއާއި ޖޯން ސީނާއެވެ. މި ފިލްމާ ބެހޭ މައުލޫމާތު ފޭނުންނާ ހިއްސާކޮށްފައިވާއިރު ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ސެލެބްރިޓީން ވަނީ ބަތަލާއަށް ތަހުނިޔާކިޔާފައެވެ.

މިއަހަރުގެ މެއި މަހު ފިލްމުގެ މަސައްކަތް ފަށަން ނިންމާފައިވާއިރު މިއީ އެމޭޒަން ސްޓޫޑިއޯގެ ފިލްމެކެވެ. މި ފިލްމާ ބެހޭ ތަފްސީލުތައް އަދި އާއްމު ނުކުރެއެވެ.

"ހެޑް އޮފް ސްޓޭޓް"އަކީ ފިލްމު "ހާޑްކޯ"އާއި "ނޯބޮޑީ"ފަދަ ފިލްމުތައް ގެނެސްދިން އިލިއާ ނައިޝްލާ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމާބެހޭ މަޢުލޫމާތު ހާމަކޮށްފައިނެތް ނަމަވެސް ރިޕޯޓުތައް ބުނަނީ މިއީ ވަރުގަދަ އެކްޝަން ތްރިލާއެއް ކަމަށެވެ. އިލިއާ ނައިޝްލާއާއެކު މި ފިލްމުގައި ކެމެރާގެ ފަހަތުން މަސައްކަތް ކުރާ އަނެއް ދެ ފަރާތަކީ، ސެފްރަން ކޮމްޕެނީއަށް ނިސްބަތްވާ ޕީޓާ ސެފްރަންއާއި ޖޯން ރިކާޑްއެވެ.

ހޮލީވުޑްގެ އިތުރު ޕްރޮޖެކްޓަކަށް ޕްރިޔަންކާ ސޮއިކޮށްފައިވާއިރު ބަތަލާގެ ލޯބީގެ ފިލްމު "ލަވް އަގައިން" ކުރިޔަށްއޮތް މެއި މަހުގެ 26ގައި ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ. އެމޭޒަން ޕްރައިމް ވީޑިއޯއިން ޕްރިމިއާކުރާ "ސިޓަޑެލް"ގެ ޕްރިމިއާއަށްފަހު ބަތަލާ ދެން އަވަސްވެ ގަންނާނީ ފިލްމު "ލަވް އަގައިން"ގެ ޕްރޮމޯޝަނަލަށް މަސައްކަތް ފެށުމަށެވެ.

ޕްރިޔަންކާ މިދުވަސްކޮޅު ދަނީ "ސިޓަޑެލް"ގެ ޕްރޮމޯޝަން އިވެންޓްތަކުގައި ވަރަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އިންޑިއާގެ މުމްބާއީގައި މި ވަގުތު އާއިލާއާއެކު ހުރި ބަތަލާގެ މި ޕްރޮމޯޝަނަލް އިވެންޓްތަކުގައި ބޮލީވުޑްގައި މަސައްކަތް ކުރާ ބައެއް ފިލްމީތަރިން ވަނީ ބައިވެރިވެފައެވެ.