ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ޚަރަދުތައް ދައުލަތަށް ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް ފެމިލީ ކޯޓުން އަމުރުކޮށްފިއެވެ.

އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އެ ކުއްޖާ ދިރިއުޅެމުންދިޔަ މާހައުލުގެ ސަބަބުން ކުއްޖާއަށް ނުރައްކާވެފައިވާތީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ ހަވާލާދީ، ރައްކާތެރި ކުރުމުގެ އަމުރެއްގެ ދަށުންނެވެ.

މިއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ޚަރަދު ދެއްކުމަށް ރާއްޖޭގެ ކޯޓަކުން ބެލެނިވެރިޔާގެ މައްޗަށް އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ.

މި މައްސަލައިގައި ފެމިލީ ކޯޓުން މިއަދު ނެރުނު އަމުރުގައި ބުނެފައިވަނީ އަމުރު ނެރުނީ މައިންބަފައިންގެ ފަރާތުން ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީފައި ނުވާތީއާއި، ކުއްޖާގެ އާއިލާގެ ތެރޭގައި ކުއްޖާއާ ހަވާލުވާނެ މީހަކު ނެތުމުން ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ދައުލަތުން ހުށަހެޅި މައްސަލައެއްގައި އެފަދަ އަމުރެއް ނެރެދިނުމަށް ދައުލަތުން ހުށަހެޅުމުން ކަމަށެވެ.

ކުއްޖާ ބެލެހެއްޓުމަށް ހިނގާނެ ޚަރަދު ކަނޑައެޅުމުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ކުއްޖާ ބަހައްޓާފައިވާ ތަނުގައި ކުއްޖާ ހުންނަ މުއްދަތުގައި ކެއުމުގެ ޚަރަދާއި، ކުއްޖާ ބަހައްޓާފައިވާ ތަނުގެ ކަރަންޓު އަދި ފެނުގެ ޚަރަދާއި، ކުދިން ބެލެހެއްޓުމަށް މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައާއި، އެތަނުގައި މަސައްކަތްކުރާ ގުރުއާން މުދައްރިސުންގެ މުސާރައިން އެ ތަނުގައި މި ވަގުތު ދިރިއުޅޭ ކުއްޖަކަށް ޖެހޭނެ މިންވަރަށް ކޯޓުން ރިއާޔަތް ކޮށްފައިވެއެވެ.

އެކަންކަމަށް ރިއާޔަތްކޮށް ކޯޓުން ވަނީ ކުއްޖާ ބެލެހެއްޓުމުގެ ހަރަދެއްގެ ގޮތުން މަހަކު 16،219 ރުފިޔާ ދެއްކުމަށް ކުއްޖާގެ ބައްޕަގެ މައްޗަށް އަމުރު ކޮށްފައެވެ.

މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ޚަރަދު ދިނުމުގައި އިހުމާލު ވެއްޖެނަމަ، މައިންބަފައިން ޒިންމާދާރު ކުރުވުމަކީ ދައުލަތުގެ ވާޖިބެއްކަމުގައިވެސް މި މާއްދާގައި ބަޔާންކޮށްފައިވޭ.ފެމިލީ ކޯޓުގެ އަމުރު

މައިންބަފައިން ދުނިޔޭގައި ހުރި ނަމަ ކުއްޖާގެ ހަރަދު ބެލެހެއްޓުމަކީ އެމީހެއްގެ ޒިންމާއެއް ކަމަށް ގާނޫނުން ކަނޑައަޅާފައިވާ ކަން ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ. މިއަމުރު ނެރުއްވީ ފެމިލީ ކޯޓަށް އެންމެ ފަހުން އައްޔަންކުރެއްވި ގާޒީންގެ ތެރޭގައި ހިމެނޭ ގާޒީ ޒައީމާ ނަޝީދު އަބޫބަކުރެވެ.