ފިޝަރީޒް މިނިސްޓްރީގެ ހުއްދަ ނުނަގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރާސާތައް ނުކުރުމަށް އަންގައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ގަވާއިދުގެ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާބެހޭ ގަވާއިދު"އާ ޚިލާފަށް އެ މިނިސްޓްރީގެ ހުއްދަ ހޯދުމެއް ނެތި، ބައެއް ފަރާތްތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި ދިރާސާކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުމަށްފަހު، މިނިސްޓްރީން ހުއްދަ ލިބުމުގެ ކުރިން ބައެއް ފަރާތްތަކުން ދިރާސާގެ މަސައްކަތްތައް ފަށައި ކުރިއަށް ގެންދާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންވެ، އެ ގަވާއިދުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެ ދިރާސާއެއް ކުރަން ފަށަން ގަސްތުކުރާ ތާރީހުގެ މަދުވެގެން ދެ މަސް ކުރިން ދިރާސާ ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

"ސައްހަ ހުއްދައެއް ނެތި އެފަދަ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރުމަކީ މަނާކަމެއް،" މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ނުވަތަ މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާއެއް ކުރުމުގެ ކުރިން މިނިސްޓްރީން ކަނޑައަޅައިފައިވާ ގޮތުގެ މަތީން، މިނިސްޓްރީގެ ރިސާޗް ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ހަނދާންކޮށްދީފައެވެ.