22 Apr 2012, 11:31
ރާއްޖެ އަށް ޑިމޮކްރަސީ ގެނައުމަށް ޓަކައި ކޮންމެ ތަނަކަށް ވެސް ވަޑައިގަންނަވާފާނެ ކަމަށާއި ކޮންމެ ފަދަ ކަމެއް ކުރެއްވުމަށް ވެސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަވަސް އިންތިހާބަކަށް ތާއީދު ހޯއްދެވުމަށް ޓަކައި އިންޑިޔާ އަށް ވަޑައިގެން އުޅުއްވަމުން އިންޑިޔާގެ ދަ އިންޑިއަން އެކްސްޕްރެސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ޑިމޮކްރަސީ ރާއްޖެ އަށް ގެނައުމަށް ނޭޕާލަށާއި ބޫޓާނަށާއި ބަންގުލަދޭޝް އަށް ވެސް ވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު ސްރީލަންކާ އަށް ދިޔައިން، އަޅުގަނޑު ނޭޕާލަށް، ބޫޓާނަށް، ބަންގުލަދޭޝް އަށް އަދި ހުރިހާ ތަނަކަށް ވެސް ދާނަން. އެމީހުންގެ ތާއީދު ހޯދަން، އަޅުގަނޑު ކިތަންމެ ބޮޑު ބުރައެއް ވެސް އުފުލަފާނަން ރާއްޖެ އަށް ޑިމޮކްރަސީ އަނބުރާ ގެނައުމަށް، (އައި ވިލް ގޯ ޓް ހެލް އެންޑް ބެކް ޓް ބްރިންގް ޑިމޮކްރަސީ ބެކް ޓް މޯލްޑިވްސް)" ރައީސް ނަޝީދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
ރާއްޖޭގެ އިގުތިސާދަކީ ޓޫރިޒަމަށް ބަރޯސާ ކުރާ އިގުތިސާދަކަށްވާ އިރު ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހު އޮތް ގޮތުން ޓޫރިޒަމަށް އަސަރު ނުކުރާނެތޯ ނޫހުން ރައީސް ނަޝީދަށް ސުވާލު ދެންނެވުމުން ވިދާޅުވެފައި ވަނީ ރާއްޖޭގައި ސިޔާސީ ހަލަބޮލިކަމާއި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކައް އެބައޮތް ކަމަށާއި އޭގެ ސަބަބުން ޓޫރިޒަމަށް ކޮންމެވެސް ވަރަކަށް އަސަރު ކުރާނެ ކަމަށެވެ.
"ޓޫރިސްޓުން އަންނަ ވަރު ކޮންމެވެސް ވަރަކަށް މަދުވެއްޖެ، ސިޔާސީ ދެކޮޅުވެރިކަމާ، ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތަކެއް އެބަ އޮތް. ނަމަވެސް ޓޫރިސްޓުން ނަކީ ހެއްވާ ބައެއް، ސިޔާސީ ކަންތައްތަކާ އެމީހުން ވިސްނާނީ ވަރަށް ކުޑަކޮށް، ގޮނޑުދޮށްތަކާއި ކޮކްޓެއިލްތައް ރަނގަޅިއްޔާ އެމީހުން އަންނަމުންދާނެ،" ނަޝީދު ވިދާޅުވެފައިވެ އެވެ.
ނަޝީދު އަދި ވިދާޅުވެފައި ވަނީ ފެބްރުއަރީ ހަތް ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުކުރަން ރާވާފައި ވާތީ ވެރިކަން ބަދަލުވުމާ ބެހޭ ގޮތުން އޭރުގެ އިދިކޮޅު ފަރާތްތައް ޕާކިސްތާނާއި ސްރީލަންކާ ސަރުކާރާ ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނަށް އެކަން އެނގިވަޑައިގެންނެވީ މާ ފަހުން ކަމަށާއި އިންޑިޔާ ސަރުކާރާ ވާހަކަ ދައްކަވާނެ ފުރުސަތު ލިބިވަޑައި ނުގެންނެވީ އެހެންވެ ކަމަށެވެ.
ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ޖަމާއަތްތައް އުފެދެން މެދުވެރިވީ ހުދުމުހުތާރު ވެރިކަމުގެ ސަބަބުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
"ހަރަކާތެއްގެ ގޮތުގައި އިސްލާމްދީން ރާއްޖޭގައި ހިނގަން ފަށާފައި ވަނީ ވަރަށް ކުރީގައި. ހާއްސަކޮށް ހުދުމުހުތާރު ވެރިކަންތަކުގެ ދުވަސްވަރު. އެމީހުންނަކީ މިސްކިތްތަކަށް އެއްވާ މީހުން. ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނުމުގެ ފުރުސަތު ލިބެނީ ހަމައެކަނި އެގްރޫޕްތަކުގެ ތެރެއިން. އެމީހުންނަކީ އަންޑަގްރައުންޑްކޮށް މަސައްކަތް ކުރަން މޮޅު ބައެއް. އެހެންވީމާ ސަރުކާރަށް ގޮންޖަހަން ބޭނުންވާ ކޮންމެ މީހަކު ވެސް ގުޅެނީ އެމީހުންނާ،" ނަޝީދު ވިދާޅުވިކަމަށް ނޫހުގައިވެ އެވެ.
އަދި ވިދާޅުވެފައި ވަނީ މަންމައިން ގާތު ކިޔަވައިދޭނެ ކަމަށް ބުނެފައި ޅަކުދިން ޕާކިސްތާނަށް ގެންދާ ކަމަށާއި އެކުދިން މަދުރަސާތަކަށް ވަންނަ ކަމަށާއި އަދި އެ މަދުރަސާތަކުން އެކުދިން ތާލިބާނުންނާ ގުޅޭ ކަމަށެވެ.