މިހާރު ވެސް މަސައްކަތް ކުރަމުން ދަނީ ވީ އެންމެ އަވަހަކަށް އުމްރާވެރިންނަށް ވިސާ ހޯދައިދޭން ކަމަށް ސަފާ ހައްޖު އެންޑް ޢުމްރާ ގުރޫޕުން ބުނެފިއެވެ.

ސަފާ ގުރޫޕަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފުރަން ހަމަޖައްސާފައި އޮތީ މިއަދު ހެނދުނެވެ. އެކަމަކު، މިއަދު ފަތިހު ޢުމްރާވެރިންނަށް ހާއްސަކޮށްފައިވާ ވައިބާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ދަތުރު ކެންސަލް ވީ ކަމަށް ބުނެފައެވެ.

އެ ގުރޫޕުން ޢުމްރާވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސައޫދީން ޢުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާއެއް މި ވަގުތާ ހަމައަށް ވެސް ދޫކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، މިއަދު ފުރަން ހަމަޖެހިފައި އޮތް އެއްވެސް މީހަކު އެއާޕޯޓަށް ނުދިއުމަށެވެ. އަދި، ދަތުރުގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން ސަފާ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް ވިދާޅުވީ އަދިވެސް ވިސާ ނުލިބޭ ކަމަށެވެ. އަދި މިހާރު ވެސް މަސައްކަތް ކުރަމުންދަނީ ވީ އެންމެ އަވަހަކަށް ވިސާ ހޯދައި، އެއާލައިންތަކުން ޖާގަ ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަހު ވަގުތު ޢުމްރާ ދަތުރު ކެންސަލް ކުރުމުން، ސަފާ ގުރޫޕުން ޢުމްރާއަށް ދާން ފައިސާ ދައްކާފައިވާ އެތައް ބަޔަކު އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.

މިއަދު ފުރަން އޮތީ ރޯދަމަހުގެ ފަހު 15 ދުވަހާއި ޝައްވާލް މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ކުރާ ޢުމުރާ ދަތުރުގެ ބައިވެރިންނެވެ. މި ޢުމްރާގެ އަގަކީ 40،000ރުފިޔާއެވެ.