06 Apr 2023, 17:11
މިފްކޯއިން މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން 420 ޓަނުގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީ އެކުލެވޭ "ޖަޒީރާ 103" މިއަދު ރާއްޖެ ގެނެސްފިއެވެ.
މިފްކޯއިން ބުނީ މި ބޯޓުގެ ދެ ފަރާތުގައި ވެސް އެއްފަހަރާ މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައި ހުންނާނެ ކަމަށެވެ. އަދި ދުވާލަކު 120 މެޓްރިކް ޓަނުގެ މަސް ގަނެ ފިނުކުރުމުގެ ގާބިލްކަން އެ ބޯޓުގައި ހުންނާނެކަމަށް މިފްކޯއިން ބުނެއެވެ.
މީގެ އިތުރުން 420 މެޓްރިކް ޓަނުގެ މަސް މި ބޯޓުގައި ރައްކާކުރެވޭނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި ބޯޓު ގެނައުމާ ގުޅިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ މި ބޯޓުު ދަތުރުކުރާނީ އެންމެ ރަނގަޅަށް މަސްވެރިކަން ކުރާ ސަރަހައްދަކަށް ކަމަށެވެ.
"ޖަޒީރާ 103 އަކީ ފަސޭހަކަމާއެކު މަސްކިރުމުގެ ވަސީލަތްތައް ގާއިމްކޮށްފައިވާ ބޯޓަކަށް ވުމުން، މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސް ބާނާ ސަރަހައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ،" ފައުޒީ ވިދާޅުވިއެވެ.
ފައުޒީ މީގެ ކުރިން "ސަން"އާ ވާހަކަދައްކަވަމުން ވެސް ވަނީ އެ ކުންފުނިން ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި މިފްކޯގެ ކެޕޭސިޓީ އިތުރުކުރުން ހިމެނޭކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ގަތް ބޯޓުތަކަކީ ވެސް އެ ބޭނުމުގައި ހޯދި ބޯޓުތައްކަމަށް ފައުޒީ ވިދާޅުވިއެވެ. އަލަށް ގެންނަ ބޯޓުތަކާއެކު މަސްވެރިކަން އެންމެ ރަނގަޅު ދުވަސްވަރު ހެޔޮ އަގުގައި މިފްކޯއަށް މަސް ގަތުމުގެ ފުރުސަތު ފަހިވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.