މަސްތުވާތަކެތީގެ މައްސަލައެއްގައި އެކަމާ ނުގުޅޭ މީހެއްގެ ފޮޓޯ އާއި މައުލޫމާތު އާންމުކުރެވުނީތީ ފުލުހުން މައާފަށް އެދެފި އެވެ.

ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަދި ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް މިއަދު ވިދާޅުވީ ރޭ މއ. ކުއްޅަފިލާގެ ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓްތަކަކާއި ގިނަ އަދަދެއްގެ ފައިސާތަކަކާ އެކު އެގެއިން ތިން މީހަކު ހައްޔަރު ކުރިކަމަށް އާންމު ކުރި މައުލޫމާތުގައި ހިމެނޭ އައިޝަތު ހަނާގެ ފޮޓޯގެ ގޮތުގައި ފުރަތަމަ އާންމު ކުރެވުނު ފޮޓޯ އަކީ ނުބައި މީހެއްގެ ފޮޓޯއެއް ކަމަށެވެ. އަދި އެއް ނަމެއް ކިޔާ ދެ މީހެއްގެ ފޮޓޯ އޮޅޭ ގޮތްވީ ރަނގަޅަށް ނުބެލިގެން ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ހަނީފް ވިދާޅުވީ އެ މައްސަލައިގައި ފުރަތަމަ ފޮޓޯ އާންމުކުރި އައިޝަތު ހަނާއަކީ އެފަދަ އެއްވެސް މައްސަލައެއް އޮތް ކުއްޖެއް ނޫން ކަމަށާއި އަދި އޭނާއަކީ ކޮލެޖްގައި ކިޔަވާ ކުއްޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެކަން ފުލުހުންގެ ސަމާލުކަމަށް އައުމާ އެކު އައިޝަތު ހަނާގެ ކިބައިން މައާފަށް އެދިފައިވާނެ ކަމަށް ވެސް ހަނީފް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ރ. އިންނަމާދޫ ފެމޯރާގެ މުޙައްމަދު ސަލީމް (49އ) އާއި ޏ. ފުވައްމުލައް ސުހުރަތު މުޙައްމަދު މުރުޝިދު (23އ) ގެ އިތުރުން މ. ފަންއަރި އާއިޝަތު ހަނާ (22އ) ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ތިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މީހުން ބަލާ ފާސްކުރި އިރު މުހަންމަދު ސަލީމް ލައިގެން ހުރި އެއްޗިހީގެ ޖީބުން މަސްތުވާތަކެތި ކަމަށް ބެލެވޭ ރަބަރު ޕެކެޓެއް ވަނީ ފެނިފައި ކަމަށެވެ. އަދި އެ ގޭގެ ތެރެއިން ހަތް ރަބަރު ޕެކެޓާއި 49،000ރ. ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެ ގެ ފާސްކުރީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.