06 Apr 2023, 13:49
ހުޅުމާލެ ފޭސް 2 ގައި އެމްއައިބީގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި އާބަންކޯ އާ އެކު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ހަފުލާއެއްގައި އެމްއައިބީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެބޭންކުގެ މެނޭޖިން ޑިރެކްޓަރު މުފައްދަލް އިދުރީސް ޚުމްރީއެވެ. އަދި އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރު އަހްމަދު އާތިފްއެވެ.
އެމްއައިބީގެ މި އޭޓީއެމް ގާއިމް ކުރެވޭނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވަގުތީ މިސްކިތް ކުރިމަތީގައިވާ ވިނަރެސް ފްލެޓްގައެވެ. މިއީ އެސްޓީއޯ އިން ރޯދަ މާޓް ހިންގަމުން އަންނަ ހިސާބު ވެސް މެއެވެ.
މި އޭޓީއެމްގެ ސަބަބުން ހިޔާ ފްލެޓް އަދި ވިނަރެސް ފްލެޓަގައި ދިރިއުޅޭ މީހުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެއެވެ.
ގްރޭޓާ މާލެ އޭރިޔާގައި އެމްއައިބީއިން ދަނީ މިވަގުތު ތިލަފުށި، ވިލިމާލެ، މާލެ އަދި ހުޅުމާލޭގައި އޭޓީއެމްގެ ޚިދުމަތް ހިންގަމުންނެވެ. އަދި ދާދި ފަހުން އެބޭންކުން ވަނީ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ވެސް ތައާރަފްކޮށްފައެވެ. މާލެ ސަރަހައްދުގެ އިތުރުން އައްޑޫސިޓީ، ފުވައްމުލައް ސިޓީ، ގދ. ތިނަދޫ، ބ. އޭދަފުށީގެ އިތުރުން ހދ. ކުޅުދުއްފުށީގައިވެސް އެމްއައިބީއިން ދަނީ އޭޓީއެމްގެ ހިދުމަތް ދެމުންނެވެ.