06 Apr 2023, 13:21
ސައުދީ އާއި އީރާނުގެ ޚާރިޖީ ވަޒީރުން ޗައިނާގައި ބައްދަލުކުރައްވައިފިއެވެ.
މިއީ ސައުދީއާއި އީރާން ސުލްހަ ކުރުވުމަށް ޓަކައި ޗައިނާ ކުރަމުންގެންދާ ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ދަށުން ބޭއްވި ބައްދަލުވުމެކެވެ. ޗައިނާ މެދުވެރިއަކަށްވެގެން ސައުދީއާއި އީރާން ސުލްހަކުރުވުމަށް ކުރި މަސައްކަތްތަކުގެ ދަށުން އެދެގައުމުގެ ގައުމީ ސަލާމަތާބެހޭ އިސްވެރިން މިދިޔަ މާޗުމަހުގެ ކުރީކޮޅު ބެއިޖިންގައި ބައްދަލުކުރައްވައި ދެމަސްތެރޭގައި ދެގައުމުން އަލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރުމުގެ އެއްބަސްވުމެއްގައިވަނީ ސޮއިކުރައްވާފައެވެ.
އެއަށްފަހު އީރާނުގައި އިންވެސްޓްކުރުމަށް ތައްޔާރަށް އޮތްކަމާ ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކޮށް ސަފީރުން ބަދަލުކުރެވުނުހާ އަވަހަކަށް ސައުދީ ކުންފުނިތަކުން އީރާނުގައި އިންވެސްޓްކުރަން ފަށާނެކަން ސައޫދީގެ މާލީ ވަޒީރު މުހައްމަދުލް ޖަދުއާންވަނީ ވިދާޅުވެފައެވެ. އީރާނުގެ ސަރުކާރުންވަނީ ސައުދީ ގެ އިންވެސްޓްމަންޓަށް މަރުހަބާ ކިޔާކަން ހާމަކޮށްފައެވެ.
މިއަދު ބެއިޖިންގައި ސަޢުދީގެ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން އާއި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން ބައްދަލުކުރެއްވީ ޗައިނާގެ ޚާރިޖީ ވަޒީރު ގިން ގަންގްގެ އެކަމުގެ ފަހަތުގައި ހުންނަވައިގެން މެދުވެރިއެއްގެ ބައި އަދާކުރައްވައިގެންނެވެ.
އީރާނާއި ސަޢުދީގެ ޚާރިޖީ ވަޒީރުން މިއަދު ބެއިޖިންގްގައި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރުމުގެ ކަންތައް އަވަސްކުރުމާއި ސަރަހައްދީ މައްސަލަތައް ހައްލުކުރުމުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. އެބައްދަލުކުރެއްވުމަށްފަހު ދެގައުމުގެ ޚާރިޖީ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނުގައިވަނީ މިކަންކަން ހިމަނާފައެވެ.
މީގެއިތުރުން ދެގައުމުގެ ދެމެދުގައި އަމަނާބެހޭ އެއްބާރުލުން ކުރިއަށްގެންދިޔުމަށްޓަކައި 2001 ވަނަ އަހަރު ދެގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރަން އަލުން ފެށުމަށްވެސް ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވިއެވެ. އަދި ވީ އެންމެ އަވަހަކަށް ސައުދީ އާއި އީރާނާ ދެމެދު ވައިގެ ދަތުރުފަތުރުތަކާއި ކަނޑުގެ ދަތުރުފަތުރުތައް ފެށުމަށާއި އިގްތިސާދާއި ވިޔަފާރީގެ މުއާމަލާތްތަކާ އަދި ސައެންޓިފިކް ގޮތުންނާއި ސަގާފީގޮތުންނާ އަދި ޓެކްނޮލޮޖީގެ ގޮތުން ދެގައުމުގެ ގުޅުންތައް ބަދަހިކުރުމަށްވެސް އެއްބަސްވެވަޑައިގެންނެވިއެވެ.
މިގޮތުން މިކަންކަމާބެހޭގޮތުން 1998 ވަނަ އަހަރު ދެގައުމުން ސޮއިކޮށްފައިވާ އެއްބަސްވުމަށް އަމަލުކުރަން އަލުން ފެށުމަށް ދެބޭފުޅުންވަނީ އެއްބަސްވެވަޑައިގެންފައެވެ. ދެބޭފުޅުން ނެރުއްވި ގުޅިފައިވާ ބަޔާނުގައިވެސް މިކަންކަންވަނީ ހިމަނާފައެވެ.
އީރާނާއި ސައުދީ އަކީ މިހާރު ޗައިނާއާ ސްޓްރެޓީޖިކް ލެލެވް އަށް ގުޅުންތައް ބަދަހިކުރަން ފަށާފައިވާ ދެގައުމެވެ. ޗައިނާ އީރާނާއެކު އަސްކަރީ އަދި މަދަނީ ސްޓްރެޓީޖިކް ގުޅުންތަކެއް އުފައްދަން ފަށާފައިވާއިރު ޗައިނާ ގެންދަނީ ސައޫދީއާއި ގަލްފުގެ ގައުމުތަކާއެކުވެސް ސްޓްރެޓީޖިކް ލެވެލްގައި އިގްތިސާދީ ގުޅުންތައް ބަދަހިކުރަމުންނެވެ.
ޗައިނާގެ ރައީސް ދާދިފަހުން ރިޔާސީ ތިންވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ޗައިނާގެ ޚާރިޖީ ސިޔާސަތަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތައް ގެނައީ ޗައިނާގެ ޕާލަމެންޓާއި ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓިކަލް ބިއުރޯގެ އެޕްރޫވަލްގެ ދަށުންނެވެ.
މިބަދަލުތަކުގެ ތެރޭގައި ދުނިޔޭގެ މައްސަލަތަކުގެ ތެރެއަށް ވަދެ އެމައްސަލަތައް ހައްލުކުރުމަށްޓަކައި ބައިނަލްއަގްވާމީ މަސްރަހުގައި މިހާރަށްވުރެ އެކްޓިވް ރޯލެއް ޗައިނާ އަދާކުރުން ހިމެނެއެވެ. އަދި ދުނިޔޭގައި ފުޅާވަމުންދާ ޗައިނާގެ އިގްތިސާދީ އަދި އަސްކަރީ ދައުރާ އެއްވަރަށް ޗައިނާގެ ޚާރިޖީ ގުޅުންތަކާއި ޑިޕްލޮމަސީގެ ހަރަކާތްތައް ފުޅާކުރުންވެސް ޗައިނާގެ ޚާރިޖީ ސިޔާސަތަށް ގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ.
ސައުދީވެސް މިހާރުވަނީ ކުރިން އެމެރިކާއާއެކު ބޭއްވި އެމެރިކާއަށް ބޯލެނބުމާއި އެމެރިކާއަށް ކިޔަމަންވުމުގެ ބޯދާ ސިޔާސަތުގެ ބަދަލުގައި ސައުދީގެ ގައުމީ މަސްލަހަތާ އަދި މުޅި ސަރަހައްދުގެ މަސްލަހަތަށް ރިއާޔަތްކުރާ ހަރުދަނާ ޚާރިޖީ ސިޔާސަތެއް ގެންގުޅެން ފަށާފައެވެ.
ސައުދީއާއި އީރާނަކީ އިސްލާމީ ދުނިޔޭގައާ އަދި ޚާއްސަކޮށް ގަލްފާއި މެދުއިރުމަތީގައި ބާރާއި ނުފޫޒު އެންމެ ގަދަ ދެގައުމެވެ. މިދެގައުމުން ސިޔާސީ ވާދަވެރިކަމާއި ދެބަސްވުންތައް އެއްފަރާތްކޮށް ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރުމަށާއި އިގްތިސާދީ ޓެކްނޮލޮޖީ، ސަގާފީ އަދި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް ސަރަހައްދީ މައްސަލަތައް ހައްލުކުރުމުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުމުން މުސްލިމުންގެ އެންމެބޮޑު ދުޝްމަންކަމަށްވާ އިސްރާއީލަށްވަނީ ހައިރާންކަމާއި ސިހުންލިބި ކަންބޮޑުވާކަން ހާމަކޮށްފައެވެ.
އީރާނާއި ސައުދީގެ މެދުގައި ކުރިންއޮތް ދެބަސްވުންތަކާއި ނުތަނަވަސްކަމުން ފައިދާ ނަގައިގެން އިސްރާއީލުގެ އަނިޔާވެރިކަން ހިމާޔަތްކުރުމަށާއި ފަލަސްތީނުގެ މައްސަލަ ފޮރުވައި ސަރަހައްދުގެ މައްސަލައަކީ ފަލަސްތީނުގެ މައްސަލަ ނޫންކަމާއި އީރާނުން ސަރަހައްދަށް ނުފޫޒުފޯރުވާ މައްސަލަ ކަމަށް ހެދުމަށް އެމެރިކާއާއި އިސްރާއީލު ގުޅިގެންވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އީރާނާއި ސައުދީ ގާތްވުމުން މިކުޅިތައް ކުޅެ އިސްލާމީ ގައުމުތައް ފިތުނަކުރުވުމުގެ ފުރުސަތު ގެއްލޭކަމުގެ އިހުސާސް އެމެރިކާއާއި އިސްރާއީލުވެސްވަނީ ކުރަންފަށާފައެވެ.
އަނެއްކޮޅުން އެމެރިކާގެ ހަތިޔާރު ގަލްފަށް ވިއްކައިގެން ޒަމާނުއްސުރެ އެމެރިކާ ނަގަމުންގެންދިޔަ ފައިދާ އެފެންވަރަށް ނެގޭގޮތް ނުވެދާނެކަމުގެ ކަންބޮޑުވުންވެސް އެމެރިކާއި ގެންދަނީ އިހުސާސު ކުރަމުންނެވެ. އީރާނާއި ސައޫދީ ސުލްހަ ކުރުވުމުގައި ޗައިނާ ހޯދި ކާމިޔާބީއަކީ ޗައިނާ މެދުއިރުމަތީގެ ބޮޑު ދޮރުން އެސަރަހައްދަށް ވަނުންކަމަށް މުހައްލިލުން ވަނީ ސިފަކުރައްވާފައެވެ.