ވިސާ ހަމަނުޖެހޭ ކަމަށް ބުނެ، ސަފާ ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ހަވާލުގައި މިއަދު ހެނދުނު ޢުމްރާއަށް ފުރަން ހަމަޖެހިފައި އޮތް މީހުންގެ ޢުމްރާ ދަތުރު އެންމެ ފަހު ވަގުތު ކެންސަލް ކޮށްފިއެވެ.

ސަފާ ގުރޫޕަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ފުރަން ހަމަޖައްސާފައި އޮތީ މިއަދު ހެނދުނެވެ. އެކަމަކު، މިއަދު ފަތިހު ޢުމްރާވެރިންނަށް ހާއްސަކޮށްފައިވާ ވައިބާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވަނީ ދަތުރު ކެންސަލް ވީ ކަމަށް ބުނެފައެވެ.

ސަފާ ގުރޫޕުން ޢުމްރާވެރިންނަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ސައޫދީން ޢުމްރާ ވިސާ ދޫކުރާ ކުންފުނިން އެ ގްރޫޕަށް އެއްވެސް ވިސާއެއް މި ވަގުތާ ހަމައަށް ވެސް ދޫކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، މިއަދު ފުރަން ހަމަޖެހިފައި އޮތް އެއްވެސް މީހަކު އެއާޕޯޓަށް ނުދިއުމަށެވެ. އަދި، ދަތުރުގެ މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް އެ މެސެޖުގައި ވަނީ ބުނެފައެވެ.

ސަފާ ގުރޫޕުން މިއަދު 130އަށްވުރެ ގިނަ މީހުން ޢުމްރާއަށް ފުރަން ވަނީ ހަމަޖެހިފައެވެ.

"މިއަދުގެ މި ވަގުތާ ހަމައަށް އައިއިރު ވެސް، ސައުދީން ޢުމްރާ ވިސާ ދޫކުރާ ކުންފުނިން މި ގުރޫޕަށް އެއްވެސް ވިސާއެއް ދޫކޮށްފައިނުވާތީ ފުރެން ނެތް ވާހަކަ ހިތާމައާ އެކު ދަންނަވަން،" މެސެޖުގައި ބުނެފައިވެއެވެ.

އޭގެ ތެރެއިން ބައެއް މީހުންނަށް މިއަދު ހެނދުނު އެއާޕޯޓަށް ދާން ގަޑި ކިޔާފައި އޮތް އިރު، ބައެއް މީހުންނަށް ގަޑި ކިޔާފައި އޮތީ މިރެއަށެވެ.

މިއަދު ފުރަން އޮތީ ރޯދަމަހުގެ ފަހު 15 ދުވަހާއި ޝައްވާލް މަހުގެ ހަ ރޯދަ ހިމެނޭ ގޮތަށް ކުރާ ޢުމުރާ ދަތުރުގެ ބައިވެރިންނެވެ. މި ޢުމްރާގެ އަގަކީ 40،000ރުފިޔާއެވެ.

ފަހު ވަގުތު ޢުމްރާ ދަތުރު ކެންސަލް ކުރުމުން، ސަފާ ގުރޫޕުން ޢުމްރާއަށް ދާން ފައިސާ ދައްކާފައިވާ އެތައް ބަޔަކު އަންނަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. މި ކަމާ ގުޅިގެން ސަފާ ގުރޫޕުގެ ބަހެއް ލިބިފައިނުވާތީ މި ކަމާ ގުޅޭ އިތުރު ތަފުސީލެއް ލިބިފައެއް ނުވެއެވެ.

ޙައްޖާއި ޢުމްރާއަށް ގެންދިއުމުގެ ނަމުގައި ބައެއް ގުރޫޕުތަކުން މީގެ ކުރިން ވަނީ އެތައް ބައެއްގެ އަތުން ފައިސާ ނަގައިގެން "ސްކޭމްތައް" ހިންގައިފައެވެ.