06 Apr 2023, 11:45
ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލުކުރަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމި މައްސަލައިގައި އެ ނިންމުން ތަންފީޒުކުރުން ލަސްކުރަން ސިވިލް ކޯޓުން އެ މިނިސްޓްރީއަށް އެންގި އެންގުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ ގާތްގަނޑަކަށް 200 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމިފައިވަނިކޮށް އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކުރުން މަޑުޖައްސައިލުމަށް ސިވިލް ކޯޓުން މިދިޔަ އަހަރު ވަގުތީ އަމުރެއް ނެރުމާ ގުޅިގެންނެވެ.
އެ އަމުރު ކުރީ ބާތިލުކުރަން އުޅުނު ވެހިކަލްތަކުގެ ވެރިފަރާތުން ކޯޓުގައި ދައުވާ ކުރުމުންނެވެ.
ސިވިލް ކޯޓުގެ އަމުރު މިނިސްޓްރީން އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ އަމުރު ބާތިލު ކުރަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
އެގޮތުން މައުޟޫއީ މައްސަލައެއްގެ ތެރެއިން ރަޖިސްޓްރީތަކުގެ ސައްޙަކަމާ މެދު ގޮތެއް ކަނޑައެޅޭނެ ކަމަށާއި ނަމަވެސް އޭގެ ކުރިން ރަޖިސްޓްރީތައް ބާތިލުކުރި ކުރުން ދަމަހައްޓައި ވަގުތީ އަމުރެއް ނެރެފިނަމަ އެ ކަމުގެ ގެއްލުމާއި އުނދަގޫ ލިބޭނެ 87 މީހުން ތިބޭއިރު އޭގެން ދައުލަތަށް ލިބޭނެ ސީދާ ގެއްލުމެއް ނެތް ކަމަށް ވެސް ހުކުމުގައި ވަނީ ބުނެފައެވެ.
އެހެންކަމުން 'ބެލެންސް އޮފް ކޮންވީނިއަންސް' އުސޫލުގެ ދަށުން ގެއްލުން ބޮޑަށް ތަޙައްމަލު ކުރަންޖެހޭ ފަރާތަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް ކަމަށް ވުމުން، ސިވިލް ކޯޓުގެ ވަގުތީ އަމުރު ނެރެފައިވަނީ އުސޫލުތަކާ އެއް ގޮތަށް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
އެހެންވެ، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ބުނެފައިވަނީ ސިވިލް ކޯޓުގެ އަމުރު ބާތިލުކުރަން ޖެހޭ ފަދަ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.
އެ ކޯޓުގައި މި މައްސަލަ ބެއްލެވީ، ފަނޑިޔާރު މުހައްމަދު ނިޒާމާއި، ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.