އިނގިރޭސި ކުލަބު ޗެލްސީގެ ވަގުތީ ކޯޗުގެ މަގާމަށް އެ ޓީމުގެ ކުރީގެ ކޯޗު އަދި ލެޖެންޑު ފްރޭންކް ލަމްޕާޑު ހަމަޖައްސައިފިއެވެ.

ފުޓުބޯޅައިގެ މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ލަމްޕާޑު ވަނީ ވަގުތީ ކޯޗެއްގެ ގޮތުގައި ޗެލްސީއަށް ބަދަލުވުމަށް އެ ޓީމާ އެކު އެއްބަސްވެފައެވެ.

ފަބްރީޒިއޯ ބުނެފައިވާ ގޮތުގައި ލަމްޕާޑު ޗެލްސީއާ އެކު އެއްބަސްވެފައިވަނީ މި ސީޒަން ނިމެންދެން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރުމަށެވެ.

ޗެލްސީން އެ މުއްދަތުގެ ތެރޭގައި ދިގު މުއްދަތަކަށް އެ ޓީމަށް ކޯޗު ކޮށްދޭނެ ކޯޗެއް ހޯދާނެ ކަމަށް ވެސް ފަބްރީޒިއޯ ވަނީ ބުނެފައެވެ.

ޗެލްސީއަށް ކުރިން ގިނަ އަހަރުތަކެއް ކުޅެ، އެކުލަބުގެ ލެޖެންޑެއްގެ ގޮތުގައި ކުޅުމުން ރިޓަޔާ ކުރުމަށްފަހު ލަމްޕާޑް ޗެލްސީގެ ކޯޗުކަމާ ހަވާލުވީ 2019ވަނަ އަހަރުގެ ޖުލައި މަހުގައެވެ. އޭނާ އެ މަގާމުން ވަކިކުރީ 2021ވަަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އޭގެ ފަހުން އެ ޓީމަށް ވަނީ ދެ ކޯޗުން ގެނެސްފައެވެ.

ޗެލްސީގެ ކޯޗުގެ މަގާމު ހުސްވީ މިދިޔަ ހޯމަ ދުވަހު އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ އެ މަގާމުން ވަކިކުރުމުންނެވެ.

ޕޮޓާ ޗެލްސީގެ ކޯޗުކަމަަށް ގެނެސްފައިވަނީ މީގެ ހަތް މަސް ކުރިންނެވެ. ނަމަވެެސް ޗެލްސީގެ މެނޭޖުމަންޓުން ބޭނުންވި ފަދަ ނަތީޖާއެއް އެ މުއްދަތުގެ ތެރޭގައި އެ ޓީމަށް ދެއްކިފައިނުވާތީ މެނޭޖުމަންޓުން ނިންމީ ޕޮޓާ މަގާމުން ވަކިކުރާށެވެ.

ޕޮޓާގެ އިރުޝާދުގެ ދަށުން ޗެލްސީ 22 މެޗެއް ކުޅެފައިވާއިރު، އެ ޓީމު މޮޅުވެފައި ވަނީ އެންމެ ހަތް މެޗުންނެވެ. އަދި ހަތް މެޗުން އެ ޓީމު އެއްވަރު ވެފައިވާއިރު އަށް މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

ދިގު މުއްދަތަކަށް ޗެލްސީއަށް އާ ކޯޗެއް ހޯދާއިރު އެ ޝޯޓު ލިސްޓުގެ އެންމެ ކުރީގައި ބަޔާންގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އަދި, ބާސެލޯނާއާއި ސްޕެއިން ގައިމީ ޓީމަށް އިރުޝާދު ދީފައިވާ ތަޖުރިބާކާރު ކޯޗު ލުއިސް އެންރީކޭއާ ވެސް އެ ޓީމުން ވާހަކަދައްކަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.