22 Apr 2012, 09:33
ދިރާގް ދިވެހި ލީގް ފުޓްބޯޅަ މުބާރާތުގައި އޭވައިއެލް އަތުން 1-0 ލަނޑުން މޮޅުވެ، ލީގުގެ ފެށުން ވެލެންސިޔާއިން ރަނގަޅު ކޮށްފި އެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު ވެލެންސިޔާއަށް މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މައިކަލް ވިސްޑޮމް ސަލަމޮން އެވެ. އަދި މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ލިބުނީ އޭނާ އަށެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް އޭވައިއެލް އަށް ލިބުނު ނަމަވެސް، ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމް ކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވި އެވެ. އަދި މެޗުގެ ދެ ވަނަހާފުގައި ވެސް އޭވައިއެލް އަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭވައިއެލްގެ ކޯޗް މުހައްމަދު އާތިފް (އާތީ) ބުނީ، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި މެޗުގެ ކުރީކޮޅު ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން، އޭނގެ އަސަރު ދެ ވަނަ ހާފުގައި ކުޅުންތެރިންނަށް ކުރި ކަމަށެވެ.
ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ވެލެންސިޔާގެ ކޯޗް، މުހައްމަދު އިގްބާލް ބުނީ، މޮޅަކާއެކު ތިން ޕޮއިންޓް ލިބުމުން އުފާވާކަމަށާއި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށެވެ. އަދި ފުރަތަމަ ހާފަށްވުރެ، ދެ ވަނަ ހާފުގައި ޓީމް ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށް ވެސް އިގްބާލް ބުންޏެވެ.
އޭނާ އަދި ބުނީ ބިދޭސީ ކުޅުންތެރިންގެ ފަރާތުން މި މެޗުގައި އެންމެ މޮޅު ކުޅުން ނުފެނުނު ކަމަށާއި ނަމަވެސް ކުރިއަށްހުރި މެޗުތަކުގައި އެކަން ބަދަލުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
ދިރާގް ދިވެހި ލީގުގައި ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ. އެމެޗުގައި މާޒިޔާއާ ދެކޮޅަށް ކުލަބް ވެލެންސިޔާ ނިކުންނައިރު، މިމެޗް މާޒިޔާއަށް ވަރަށް މުހިންމު މެޗަކަށް ވާނެއެވެ. ސަބަބަކީ ލީގުގައި ވާދަކުރާ އަށް ޓީމު ވެސް އެއް މެޗް މިހާރު ކުޅެފައި ވާއިރު، މާޒިޔާ އޮތީ ފޮއިންޓެއް ނުލިބި، ލީގުގެ ފުރަތަމަ ބުރުގެ ފަހަތުން ދެ ވަނައި ގައި ކަމަށް ވާތީއެވެ.
ލީގުގެ އެންމެ ކުރީގައި އަދި އޮތީ ތިން ޕޮއިންޓާއެކު ފައިދާ ހަތަރު ގޯލް ކާމިޔާބު ކޮށްފައިވާ ނިރުރޭޑިއަންޓެވެ.