06 Apr 2023, 09:35
އިނގިރޭސި ޕްރިމިއާ ލީގުގުގައި މެންޗެސްޓާ ޔުނައިޓެޑުން ބްރެންޓްފޯޑް ބަލިކުރިއިރު ނިއުކާސަލްއިން ވެސްޓްހަމް އަތުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ޔުނައިޓެޑު އަމިއްލަ ދަނޑުގައި ރޭ ބްރެޓްފޯޑާ ދެކޮޅަށް ޔުނައިޓެޑު ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާ އަކުންނެވެ.
އެ މެޗުގައި ޔުނައިޓެޑުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 27ވަނަ މިނެޓުގައި ޔުނައިޓެޑުގެ މާކޮސް ރަޝްފޯޑު ވަނީ މާސެލް ސަބިޓްޒާ ތަނަވަސްކުރި ފުރުސަތަކުން ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ.
އެ ގޯލުން މޮޅުވެ އެ ޓީމު އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ހަތަރު ވަނައިގައި އޮތީ ކުޅުނު 28 މެޗުން 53 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން ބަލިވި ބްރެންޓްފޯޑު އޮތީ ކުޅުނު 29 މެޗުން 43 ޕޮއިންޓު ހޯދައިގެން ތާވަލުގެ ނުވަވަނައިގައެވެ.

ނިއުކާސަލްއާއި ވެސްޓްހަމް ބައްދަލުކުރި މެޗުގެ ތެރެއިން ---
ލީގު ތާވަލުގެ ތިންވަނައިގައި އޮތީ ނިއުކާސަލްއެވެ. ކުޅުނު 28 މެޗުން 53 ޕޮއިންޓު ހޯދައިގެން އެ ޓީމު ތިންވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ޓީމަށް ވަނީ 26 ފައިދާ ގޯލު ލިބިފައެވެ.
ރޭ ވެސްޓްހަމްގެ ދަނޑުގައި ނިއުކާސްއިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
އެ މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފައެވެ. އެ ގޯލަކީ ކެލުމް ވިލްސަން ކާމިޔާބުކުރި ގޯލެކެވެ. އެ ޓީމުން މެޗުގެ 13ވަނަ މިނެޓުގައި ވަނީ ދެވަނަ ގޯލެއް ޖަހައިފައެެވެ. އެ ޓީމަށް އެ ގޯލު ކާމިޔާބު ކޮށްދިނީ ޖޮއެލިންޓަންއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސްޓްހަމްއިން ވަނީ ގޯލެއް ޖަހައި މެޗު ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ގޯލު ޖަހައިފައިވަނީ ކާޓް ޒޯމާއެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ނިކާސަލްއިން ވަނީ ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ މެޗުގެ ފުރަތަމަ ގޯލު ޖެހި ވިލްސަން ކާމިޔާބުުކުރި ގޯލެކެވެ.
މެޗުގެ 82ވަނަ މިނެޓުގައި ވެސްޓްހަމްގެ ކީޕަރު ލޫކަސް ފެބިއަންސްކީއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ނިއުކާސަލްގެ އެލެކްސެންޑާ އިސާކް ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހައިފައެވެ. އެ ޓީމުގެ ފަސްވަނަ ގޯލަކީ މެޗުގެ އެންމެ ފަހު މިނެޓުގައި ޖޮއިލިންޓަން ކާމިޔާބުކުރި ގޯލެކެވެ.