ކާމިޔާބު ފިލްމު ޕްރޮޑިއުސަރު ރާޖް ކުމާރު ހިރާނީއަށްފަހު ޑައިރެކްޓަރު ސޫރަޖް ބަރްޖަތްޔާ, ފިލްމީ ދާއިރާއަށް ނުކުންނަށް ބޭނުންވާ ފަރާތްތައް ލޯންޗުކުރުމުގެ ޕްރޮޖެކްޓްއަކާ ގުޅިއްޖެއެވެ.

މިޕްރޮޖެކްޓަކީ ރާޖްޝްރީ ޕްރޮޑަކްޝަން ނަމަކަށްކިޔާ ކުންފުންޏަކުން ތައާރަފުކޮށްފައިވާ ޕްރޮޖެކްޓެކެވެ. ސޫރަޖް ބަރްޖަތްޔާގެ އިތުރުން، "އޫންޗާއީ"ގައި ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރި މަހާވީރް ޖޭންވެސްވަނީ މިޕްރޮޖެކްޓާ ގުޅިފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުތެރޭ މިޕްރޮޖެކްޓު ލޯންޗުކުރުމުގެ ތައްޔާރީތައް ފެށިއިރު ޕްރޮޖެކްޓުގެ ދަށުން އެންމެ ބޮޑު އިސްކަމެއްދޭނީ އެކްޓިންގެ ދާއިރާއަށް އަލަށް ނުކުންނަން ބޭނުންވާ މީހުން ހޯދާ އެ މީހުން ގާތުން މޮނިޓާކުރުމަށެވެ.

ޕްރޮޑިއުސަރު މަހާވީރް ޖޭންއާއެކު ޖޯތީ ދޭޝްޕާންޑޭވެސް މަސައްކަތްކުރާނެއެވެ. ޖޯތީއަކީ އިންޑިއާގެ މުނިފޫހިފިލުވުމުގެ މީޑިއާގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ފަރާތެކެވެ. ޖޯތީ އޭގެފަހުން ގުޅިފައިވަނީ އިންޑިއާގެ އެންމެބޮޑު އެއް ކުންފުނިކަމަށްވާ ރިލަޔަންސް އިންޑަސްޓްރީއާއެވެ. ޕްރޮޑިއުސަރު ސޫރަޖް ބަރްޖަތްޔާއާއެކު ފިލްމު އުފެއްދެމުގެ ދާއިރާގައި މަސައްކަތްކުރާ 23 ފަރާތަކުންވަނީ މިޕްރޮޖެކްޓްގައި ބައިވެރިވެފައެވެ.

ފިލްމު "އޫންޗާއީ"އަށްފަހު މިއީ މަހާވީރް ޖޭންއާއެކު ސޫރަޖް މަސައްކަތްކުރާ ދެވަނަ ޕްރޮޖެކްޓެވެ. ރިލަޔަންސްގެ ޖިއޯ ސްޓޫޑިއޯއާ ގުޅިގެން މިފަރާތްތަކުން ނިންމާފައިވަނީ ވަރަށް އަވަހަށް ފީޗާ ފިލްމެއް އުފެއްދުމަށެވެ. އަދި މިފިލްމުން މުޅީން އާ ދެ ތަރިން ތަޢާރަފްކުރުމަށްވަނީ ނިންމާފައެވެ. އެހެންނަމަވެސް އެއީ ކޮންއިރަކުކަމެއް އަދި ހާމައެއް ނުކުރެއެވެ. މި ޕްރޮޖެކްޓާބެހޭ މަޢުލޫމާތު ވަރަށް އަވަހަށް މީޑިއާތަކާ ހިއްސާކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.