06 Apr 2023, 09:09
ސައުތު ސިނަމާގެ އެންމެ ކާމިޔާބު އަދި ވަރުގަދަ އެކްޓަރު އެންޓީއާރް ޖޫނިއާ ޔަޝް ރާޖް ފިލްމްސްގެ ފްރެންޗައިޒް "ވޯ"ގެ ދެވަނަ ބަޔަށް ގެންނަން އެ ކުންފުނިން ނިންމައިފިއެވެ.
ތެލުގޫއަށް ނިސްބަތްވާ މި އެކްޓަރަކީ މިހާތަނަށް ކުޅެފައިވާ ގިނަ ފިލްމުތަކަކީ ހިޓް ފިލްމުތަކެކެވެ. މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން ބޮޑު ކާމިޔާބެއް ހޯދި ފިލްމު "އާރްއާރްއާރް"ގެ އެކްޓަރުގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ވެސް "ވޯ"ގެ ދެވަނަ ބައެވެ.
ރިތިކް ރޯޝަންއާ އެކު އެންޓީއާރް ޖޫނިއާ މި ފިލްމުން ފެންނައިރު މިއީ ވަރަށް ވަރުގަދަ އެކްޝަން އެޑްވެންޗާ ފިލުމަކަށް ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަކީ ރިތިކާއި އެންޓީއާރް ޖޫނިއާ އެކީގައި ފެންނާނެ ފުރަތަމަ ފިލްމު ވެސް މެއެވެ. ތެލުގޫ އެކްޓަރު "ވޯ"ގެ ސީކުއަލްއާ ގުޅުނު ޚަބަރާ އެކު މި ފިލްމު ވެގެން ގޮސްފައިވަނީ ބެލުންތެރިން އެ ފިލުމަކަށް އެންމެ ބޮޑަށް އިންތިޒާރުކުރާ ފިލްމެވެ. ޔާޝް ރާޖް ކުންފުނީގެ ސްޕައި ޔުނިވާސްގެ މި ފިލްމަކީ 2019ވަނަ އަހަރު ރިލީޒްވި ފިލްމުތަކުގެތެރެއިން ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ. އޭރު ރިތިކާ އެކު ފިލްމުގެ ލީޑުން ފެނުނީ އެކްޓަރު ޓައިގާ ޝްރޮފްއެވެ.
މި ފަހަރުގެ ފިލްމުގައި ޓައިގާ ޝްރޮފްގެ ބަދަލުގައި އެންޓީއާރް ފެންނާނެއިރު ޔަޝް ރާޖް ކުންފުނިން ބުނެފައިވަނީ ސައުތް ސިނަމާގެ މާކެޓާ އެކު މިއީ ހިންދީ ސިނަމާގެ އޯޑިއަންސް އިތުރު ކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.
"އާރްއާރްއާރް"ގެ އެކްޓަރު ޔަޝް ރާޖް ކުންފުނީގެ ސީކުއަލްއަށް ސޮއިކޮށްފައިވާއިރު އެންޓީއާރް ޖޫނިއާ މިހާރު ވެސް އަންނަނީ "އެންޓީއާރް 30"ގެ ނަމުގައި ފިލްމެއް އުފައްދަން ފަށައިފައެވެ. މި ފިލްމުގައި ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރު ފެންނަ އިރު މިފިލްމު ރިލީޒްކުރާނެކަމަށް ބެލެވެނީ އަންނަ އަހަރުގެ އޭޕްރީލް މަހުއެވެ.