22 Apr 2012, 09:32
ޕްރޮސްޓޭޓުގެ ކެންސަރަށް ކުރީން ދެމުން އައި ފަރުވާއަށް ވުރެ ރަނގަޅު ފަރުވާއެއް މިހާރު ހޯދިފައިވާ ކަމަށާއި، އަލަށް ހޯދުނު ފަރުވާގެ ސައިޑްއިފެކްޓު ކުޑަވާނެ ކަމަށް، ކަމާ ބެހޭ ތަޖުރިބާކާރަކު ބުނެފިއެވެ. ލެންސެޓް އޮންކޮލޮޖީ ޖަރނަލްގައި ހާމަކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އަލްޓްރާސައުންޑް ބޭނުންކޮށްގެން ފަރުވާ ދިނުމުން، ސައިޑްއިފެކްޓުގެ ގޮތުގައި ބަލިމީހާއަށް ލިބޭ ގެއްލުން ކުޑަކުރެވެއެވެ. މި ދިރާސާގައި ބައިވެރިކޮށްފައިވަނީ 41 މީހެކެވެ. މިއަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރެވޭ ދިރާސާއަކުން މިއަށް ވުރެ ގިނަ މައުލޫމާތު ލިބި އަދި މި ފަރުވާ މިހާރަށް ވުރެ ތަރައްގީ ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ކަމާ ބެހޭ މާހިރުން ވިދާޅުވެއެވެ.
ޕްރޮސްޓޭޓު ކެންސަރު ޖެހޭ މީހުން އަހަރުން އަހަރަށް ގިނަވަމުންދާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، ކެންސަރުގެ އެހެން ވައްތަރުތަކެކޭ އެއްފަދައިން މި ވައްތަރުގެ ކެންސަރަށް ވެސް ރަނގަޅު ފަރުވާއެއް ހޯދުމުގެ މަސައްކަތް އަންނަނީ ކެނޑިނޭޅި ކުރަމުންނެވެ. ހަމަ އެކަނި އިނގިރޭސި ވިލާތުގައި ވެސް މަހަކު 37000 މީހުން ކެންސަރުގެ މި ވައްތަރަށް ފަރުވާ ހޯދަމުންދާ ކަމަށް ހަބަރު ލިބެއެވެ. އަދި އަހަރަކު 10000 އަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވާ ކަމަށް ވެސް އެ ގައުމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ޕްރޮސްޓޭޓު ކެންސަރުގެ ފަރުވާއާ ގުޅޭ ގޮތުން އަލަށް ހޯދުނު މައުލޫމާތާ ގުޅިގެން މެޑިކަލް ރިސަރޗް ކައުންސިލް (އެމްއާރްސީ) އިން ވަނީ މަރުހަބާ ކިޔާފައެވެ. މި ދިރާސާއަށް ފަންޑުކޮށްފައިވަނީ ވެސް އެމް.އާރް.ސީންނެވެ.