05 Apr 2023, 22:01
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރާ ބިމާއި ގޯތި ލިބޭ މީހުންގެ ލިސްޓު އިއުލާނު ކުރެވޭނެ ކަމަށް މިހާރު ބެލެވެނީ ޖޫން މަހު ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އަދިވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގިނަ ފޯމުތަކެއްގެ އިވެލުއޭޝަން އަދިވެސް ނުނިމި ހުރުމުން މިހާރު ވެސް ކުރަނީ ފޯމު އިވެލުއޭޓު ކުރުމުގެ މަސައްކަތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެންމެ އަވަހަށް ވެސް އިއުލާނު ކުރެވޭނެ ކަމަށް ބެލެވެނީ ޖޫން މަހު ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ޖޫން މަހު މި ލިސްޓުތައް އާންމުކުރަން. އެއީ މި ވަގުތު ދެން އޮތް ޕްލޭނަކީ. އެ ކަމަށްޓަކައި މަސައްކަތް މި ކުރަނީ،" އޮފިޝަލް ވިދާޅުވިއެވެ.
މީގެ ކުރިން ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވީ މާޗު މަހުގެ ނިޔަލަށް ވަގުތީ ލިސްޓުތައް ނިމޭނެ ކަމަށެވެ. އަދި، ފޯމުތައް އިވެލުއޭޓްކޮށް ނިމޭއިރު ހުޅުމާލެއިން ދޫކުރާ 1،000 ގޯތީގެ ބިން ކެނޑުމުގެ މަސައްކަތް ވެސް ނިމޭނެކަމަށެވެ.
"ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓުކޮށް ނިމޭއިރު ބިންތައް ސާފުކޮށް ނިމޭނެ. ޓާގެޓް މި ކުރަނީ މާޗު މަހު ފޯމުތައް އިވެލުއޭޓުކޮށް ނިންމާލެވޭނެ ކަމަށް. ބިންތައް ލިބޭ ފަރާތްތައް ކަނޑައެޅުމާ އެކު ވަގުތުން ވަގުތަށް ކަޑަޖަހާ އިން ވަކިކޮށް ހަވާލުކުރެވޭ ވަރަށް ތަން ސާފު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އާރިފް މީގެ ކުރިން ވިދާޅުވެފައިވެއެވެ.
މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މި ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލެއިން 1،000 ގޯއްޗާއި، ގުޅީފަޅުން 2،000 ގޯތި ދޭނެއެވެ. މީގެ އިތުރުން ގިރާވަރު ފަޅު ހިއްކުމަށްފަހު އެ ތަނުން ވެސް އެންމެ މަދުވެގެން 2،000 ގޯތި ބެހުމަށް ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުން ޖުމްލަ 5،000 ގޯތީގެ ތެރެއިން އެންމެ ފުރަތަމަ ދޫކުރާނީ 3،000 ގޯއްޗެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ދިނުމަށް ހަމަޖެހިފައިވާ 1000 ގޯތީގެ ބިން ކެނޑުމުގެ މަސައްކަތް ވެސް ޖެނުއަރީ މަހު ވަނީ ފަށައިފައެވެ.