05 Apr 2023, 21:50
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައިވާ މި ދަނޑިވަޅުގައި، އަވަށްޓެރި އެހެނިހެން ޤައުމުތަކާ އަޅާ ބަލާއިރު ރާއްޖެއަށް އެ ކަމުގެ އަސަރު ކުރަމުންދާ މިންވަރު ކުޑަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގެ އިގުތިސާދަށް ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށާއި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށް ވޯލްޑް ބޭންކުން ބުނެފައިވާ ދަނޑިވަޅެއްގައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ރާއްޖޭގެ އިޤްތިޞާދީ ހާލަތު މިހާރު އޮތް ގޮތަށް އަލިއަޅުވާލައި މިނިސްޓަރު އަމީރު ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައި ކަމަށެވެ.
އެގޮތުން މި އަހަރު ރެކޯޑް މިންވަރަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރާތްކުރާނެ ކަމަށް ލަފާކުރެވޭއިރު އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާ ކޮށްފައިވާ ވަރަށް ވުރެ މަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފަ. (6/4)pic.twitter.com/rnylQNf5Z7
— Ibrahim Ameer (@iameeru)April 5, 2023
ވޯލްޑް ބޭންކުން އެންމެ ފަހުން ނެރުނު ރިޕޯޓް ބުނާ ގޮތުން، ބޭރުގެ ދަރަނި ބޮޑުވެ، ދުނިޔޭގެ މާލީ ބާޒާރުތައް ތާށިވުމުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތަށް ވަނީ ނުރައްކާތަކެއް ކުރިމަތިވެފައެވެ.
މި ކަމާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ވޯލްޑް ބޭންކުން ރާއްޖޭގެ އިޤްތިޞާދީ ދުވެލި އަންދާޒާ ކުރިވަރަށް ވުރެ ދަށްވާނެ ކަމަށް ލަފާކޮށްފައިވަނީ، 2021ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު އަންދާޒާކުރި މިންވަރަށް ވުރެ މަތިވެފައިވާތީ، ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓާ ގުޅިގެން ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިފައި ހުރި ދަނޑިވަޅެއް ނަމަވެސް، ރާއްޖެއަށް މި ކަމުން ކުރާ އަސަރު ކުޑަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިންފްލޭޝަން މަތިވާ މިންވަރު ހުރީ ހިފެހެއްޓިފައި ކަމަށެވެ.
"އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ. ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާ އެކު ސަބްސިޑީތަކުގެ ހޭދަ ވަނީ ބޮޑުތަނުން އިތުރުވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު--- ފޮޓޯ/ މަޖިލިސް
ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި އަދި އެ ނޫނަސް ކުރިމަތިވާ މާލީ ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށާއި ކޮވިޑްގެ ހާލަތާއި ގުޅިގެން އިތުރުވި ދަރަނި މެދުރާސްތާގައި ދާނީ ދަށަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ކޮވިޑުގެ ހާލަތާ ގުޅިގެން އިތުރުވި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނީގެ މިންގަނޑު މެދުރާސްތާގައި ދާނީ ދަށަށް. މި ކަން ހާސިލުކުރަން ސިޔާސަތުތަކަށް ބަދަލު ގެންނާނީ ރައްޔިތުންނަށް އެ ކަންކަމުގެ އަސަރު އެންމެ ކުޑަ ވާނެ ގޮތަށް،" އަމީރު ވިދާޅުވިއެވެ.