05 Apr 2023, 21:12
ޕްރިންސިޕަލުން ތަމުރީން ކުރުމަށް ބޭނުންވާ ޙާއްސަ ސްކޮލާޝިޕް ޕްރޮގްރާމްތައް ސްޕޮންސާ ކުރުމަށް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އެޑިއުކޭޝަން މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކެޓްރީ އަޙްމަދު އަލީއެވެ. އަދި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ.
މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި އެމްޑަބްލިޔުއެސްސީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މި ސްކޮލާޝިޕްތަކަކީ ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ގާބިލް ޕްރިންސިޕަލުން އުފެއްދުމަށްޓަކައި ކުރިއަށް ގެންދާ ސްކޮލާޝިޕެކެވެ.
މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ ސްކޫލްތަކަށް ބޭނުންވާ ޤާބިލު ޕްރިންސިޕަލުން އުފައްދާ ތަމުރީނު ކުރުމަށްޓަކައި މާސްޓާސް ޑިގްރީ ލެވެލް ކޯހުގެ ދިހަ ސްކޮޕަލާޝިޕް އަދި ކުރު މުއްދަތުގެ 110 ކޯސް ސްޕޮންސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ދެ އަހަރު ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޑަބްލިޔުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.

ޕްރިންސިޕަލުން ތަމުރީނު ކުރާ ސްކޮލާޝިޕްގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ/ އެމްޑަބްލިއުއެސްސީ
މުޖުތަމަޢަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ރޮނގަކުން ދިވެހިން އުނގެނުމާއި ބިނާކުރުމަށް މިފަދަ ފުރުސަތެއް، އެމްޑަބްލިޔުއެސްސީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ފަހިކޮށް ދެވުމަކީ އެ ކުންފުންޏަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އެ ކުންފުނިން ދެކޭ ގޮތުގައި މިއީ މުޖްތަމަޢަށް އޭގެ މަންފާއާއި ލާބަ ނުހަނު ބޮޑަށް ލިބިގެންދާނެ ކަމެކެވެ. އަދި، އެ ކުންފުނިން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަނީ މުޖްތަމަޢުގެ ކުރިއެރުމާއި، ލާބައާއި އަދި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ރާއްޖޭގައި ސްކޫލްތައް ހިނގުމަށް ޚާއްސަވެގެން ތަމުރީނު ލިބިފައިވާ ބޭފުޅުން މަދުކާމާ އެކު ސްކޫލުތައް އެންމެ އެކަށީގެންވާ ގޮތެއްގައި ހިނގުމަށް ވަނީ ދަތިތަކެއް ދިމާވެފައެވެ.