05 Apr 2023, 16:31
މިއަހަރު ބާއްވަން ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ދައުވަތު މެލޭޝިއާ ގައުމީ ޓީމަށާއި ސައުދީ ގައުމީ ޓީމަށް ފޮނުވައިފިއެވެ.
ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް)އިން ވަނީ އެކަން ސާފްގެ ބައެއް ގައުމުތަކުގެ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.
ސާފްގެ ރައީސް ބަންގްލަދޭޝްގެ ކާޒީ ސަލާހުއްދީން އިންޑިއާގެ ކޭލް ނައު ނޫހަށް ވިދާޅުވެފައި ވަނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް މެލޭޝިއާއާއި ސައުދީން ސާފްގެ ހުށަހެޅުން ގަބޫލުކޮށް އެ މުބާރާތުގައި ބައިވެރިވާނެކަމަށް އޭނާ އުންމީދުކުރާކަމަށެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެ މުބާރާތް ބާއްވާނީ އިންޑިއާގެ ބެންގަލޫރުގައެވެ.
އެ މުބާރާތުގައި ސާފްގެ ހަ ގައުމަކުން ބައިވެރިވާނެއެވެ. އެއީ ރާއްޖެއާއި އިންޑީއާއާއި، ނޭޕާލާއި، ބޫޓާނާާއި، ބަންގްލަދޭޝްގެ އިތުރުން ދާދިފަހުން ފީފާގެ ސަސަޕެންޝަނުން ސަލާމަތްވި ޕާކިސްތާނެވެ. ފީފާ ސަސްޕެންޝަން އެއްގައި ސްރީލަންކާ އޮތުމުގެ ސަބަބުން އެ ގައުމަށް މިއަހަރު ސާފް ޗެމްޕިއަންޝިޕްގައި ވާދަ ނުކުރެވޭނެއެވެ.
މެލޭޝިއާއި ސައުދީ އެ މުބާރާތުގައި ވާދަކުރާނަމަ އަށް ޓީމު އެ މުބާރާތުގައި ވާދަކުރާނެއެވެ. ސައުދީއަކީ އެންމެ ފަހުން ބޭއްވި ވޯލްޑްކަޕްގައި ވެސް ކުޅުނު ގައުމެކެވެ. އެ ގައުމުން ވަނީ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ ބަލިކޮށްފައެވެ. ސައުދީ ފީފާ ރޭންކިންގެ 49 ވަނައިގައި އޮތްއިރު މެލޭޝިއާ އޮތީ ރޭންކިންގެ 145 ވަނައިގައެވެ. ރާއްޖެ އޮތީ ރޭންކިންގެ 156 ވަނައިގައެވެ.