22 Apr 2012, 09:33
ޕިލިޕް ގޯ ގިއާ ޓުވެންޓީ ޓުވެންޓީ ކުރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު މެޗްތައް ހިރިޔާ އާއި މާލޭ ސްޕޯޓްސްއިން ކާމިޔާބު ކޮށްފި އެވެ.
ކުޅިވަރު އެކުއެނީ އެންނަންބަރު ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ވެސްޓް ސްޕޯޓްސްއާއި ބައްދަލުކޮށް މާލޭ ސްޕޯޓްސްއިން މެޗް ކާމިޔާބު ކުރީ 149 ލަނޑުންނެވެ.
ޓޮސްދިމާވެގެން މާލެ ސްޕޯޓްސް ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން 238 ލަނޑު ހެދިއެވެ. އަދި މެޗުގައި އެންމެ ރަނގަޅަށް ކުޅުނީ 91 ލަނޑުހެދި އަބްދުﷲ ޝާހިދެވެ.
ޖަވާބުގައި ވެސްޓް ކުޅެންއަރާ ހުރިހާ ކުޅުންތެރިން ނުބައިވެގެން 91 ލަނޑު ހެދުނުއިރު، މެޗުގައި އެޓީމަށް އެންމެ ފައިދާހުރި ކުޅުމެއް ދެއްކި ކުޅުންތެރިޔަކީ 19 ލަނޑު ހެދި އަހުމަދު ނިސާމްއެވެ.
ދެ ވަނަ މެޗް ހިރިޔާއިން ކާމިޔާބުކުރީ، ވާދަވެރި އެމްއެސްއާ ބައްދަލުކޮށް 154 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މެޗުގައި ޓޮސް ދިމާވުމުން އެމްއެސް ގަސްތުކުރީ ހޮވުމަށެވެ. އެހެން ނަމަވެސް ހިރިޔާ ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހަ ކުލުންތެރިން ނުބައިވެގެން 217 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 119 ލަނޑު ހެދި އިސާންއެވެ.
ޖަވާބުގައި އެމްއެސް ކުޅެންއަރާ 17 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން 63 ލަނޑު ހެދިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހެދި އިބްރާހިމް ނަސާތުއެވެ.
ހިރިޔާ ޓީމުން އެންމެރަނގަޅަށް އުކީ ދެ އޯވަރުގެ ތެރޭގައި 14 ލަނޑަށް ތިން ވިކެޓް ނެގި ސްފްރާޒް ޖަލީލާއި ތިން އޯވަރުގެ ތެރޭގައި 10 ލަނޑަށް ތިން ވިކެޓް ނެނގި މަސްކޫރެވެ.
މިމުބާރުގެ މެޗެއް ދެން ކުޅޭނީ މާދަމާ މެންދުރު ފަހު 2:30 ގައެވެ. އެމެޗުގައި ބައްދަލުކުރާ ދެޓީމަކީ އެމްއެސް އާއި ވެސްޓް ސަޕޯޓްސް އެވެ.