03 Aug 2010, 15:01
19:00
އެމްޑީޕީގެ ދާއިރާ އިންތިޚާބު މި މަހުގެ 28 ގައި ބާއްވާ ގޮތަށް އެ ޕާޓީން ހަމަޖައްސައިފި އެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު މިއަދު ވިދާޅުވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީގެ މެންބަރުންނަށް މިމަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލައިފައިވާ ކަމަށެވެ. ޝާހު ވިދާޅުވީ ކައުންސިލް އިންތިޚާބަށް ބޭނުން ކޮންމެ ބަޔަކަށް ވެސް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އަދި އެމްޑީޕީ ޓިކެޓްގައި ނިކުންނަ ކޮންމެ ފަރާތަކަށް ވެސް ކެމްޕެއިން ކޮށްދެއްވާނެ ކަމަށެވެ.
މާލޭގެ އެމްޑީޕީ މެންބަރުންނާއި، މާލޭ ގައި ދިރިއުޅޭ އަތޮޅުތަކުގެ އެމްޑީޕީ މެންބަރުން ވޯޓުލުން އޮންނާނީ އެމްޑީޕީ ހަރުގޭގައި ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.
އެމްޑީޕީން ބުނީ ދާއިރާތަކުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މަޤާމް ތަކަކީ ދާއިރާގެ ރައީސް، ދާއިރާގެ ނާއިބް ރައީސް، ސެކްރެޓަރީ، ސެކްރެޓަރީގެ ނާއިބް އަދި އިންތިޒާމް ސެކްރެޓަރީ އެވެ. އެހެން ނަމަވެސް މިވަގުތު ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާ އެމްޑީޕީގެ މެންބަރުންނަކީ އެބޭފުޅެއްގެ ދާއިރާގެ ރައީސް ކަމުގައި އައްޔަންކުރުމަށް ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާތީ އެދާއިރާތަކުގައި ހިމެނޭ ރަށްރަށުގައި އިންތިޚާބު ބާއްވާނީ ދާއިރާގެ ރައީސް ނޫން އެހެން މަޤާމްތަކަށް މީހުން އިންތިޚާބު ކުރުމަށް ކަމަށް އެ ޕާޓީން ބުނެ އެވެ.