ދިވެހި ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ ކޮންސްޓަބަލްގެ މަގާމަށެވެ. އެ މަގާމުގެ ވާޖިބަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައި ފުލުހަކު އަދާ ކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ އެންމެހާ މަސައްކަތްތައް ކުރުމެވެ.

މި ވަޒީފާއަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އެސްއެސްސީ އިމްތިހާން ނުވަތަ ޖީސީއީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅުންހުރި ދާއިރާއަކުން ދެ އަހަރު ދުވަހު އުޅެ ތަޖުރިބާ ހުންނަން ޖެހޭނެއެވެ.

ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓް ތިން އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން ފަސް ފޫޓު ހަމަވާންޖެހެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ރެކުރޫޓްކުރެވޭ ފުލުހުންގެ އާއްމު ޝަރުތު ފުރިހަމަވެފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

ފުލުހުންގެ ޚިދުމަތުން ކުރި އިއުލާނުގައި ވަނީ ފުލުހުންގެ ވަޒީފާއަށް މީހުން ހޮވުމުގައި ތަޢުލީމީ ގޮތުން މަތީ ސަނަދު ހާސިލްކޮށްފައިވާ މީހުނަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

މީހުންހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ މީހުންނަށާއި ފުލުހުންގެ ޚިދުމަތަށް ގާނޫނީގޮތުން ލާޒިމްކުރާ މަސައްކަތްތައް ކުރުމަށް ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ދާއިރާތަކަށް އަދި ދާއިރާތަކަށް ޚާއްސަ ކުރެވިފައިވާ އަދަދުތަކަށް ކުރިމަތިލާ އަންހެން ކެންޑިޑޭޓުންނަށް ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުންދާ ސަރަހައްދުތަކުގެ ތެރެއިން ޚިދުމަތް ހަރުދަނާކޮށް ފުޅާކުރުމަށް އިންސާނީ ވަސީލަތް ބޭނުންވާ ސަރަހައްދުތަކާއި، ފުލުހުންގެ ޚިދުމަތް އަލަށް ގާއިމުކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވެސް ވަޒީފާ ދިނުމުގައި އިސްކަން ދޭނެއެވެ.

ވަޒީފާއަށް މީހުން ނެގުމުގައި ބަލާނެ ކަންކަމުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދޭ ޓެސްޓުތައް ފާސްވާން ޖެހޭނެއެވެ. އެގޮތުން ދޭނެ ޓެސްޓު ތަކަކީ:

  • ބެކްގްރައުންޑް އެސެސްމެންޓް

  • ފިޒިކަލް ފިޓްނަސް އެސެސްމަންޓް
  • ފެތުމުގެ އެސެސްމަންޓް
  • އެޕްޓިޓިއުޑް ޓެސްޓް
  • އިންޓަވިއު
  • މެޑިކަލް އެގްޒަމިނޭޝަން

މި ވަޒީފާއަށް ކުރިމަތިލާ މީހަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑައަޅާ ކޮންމެ ތަނެއްގައި މަސައްކަތް ކުރެވޭނެ މީހަކަށް ވާން ޖެހޭނެއެވެ.

ފުލުހުންގެ ޚިދުމަތުގެ ކޮންސްޓަބަލްގެ ވަޒީފާގެ މުސާރައަކީ 11،810 ރުފިޔާއެވެ. އެއީ އަސާސީ މުސާރައިގެ ގޮތުގެ ހިމެނޭ 4،650 ރުފިޔާ އާއި ސާވިސް އެލަވަންސްގެ 5،000 ރުފިޔާ އާއި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި 1،860 ރުފިޔާ އާއި ޔުނިފޯމް އެލަވަންސްގެ ގޮތުގައި 300 ރުފިޔާއެވެ.

ފުލުހުންގެ ޚިދުމަތުން ވަޒީފާގެ ފުރުސަތަށް ހުޅުވާލައި، ކުރި އިއުލާނުގައި ވަނީ، ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން ތިން މަސް ދުވަސް ހަމަވުމުން، ސާވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް އަދި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެ ކަމަށެވެ.

މި ވަޒީފާއަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ މި މަހުގެ 18 ވަނަ ދުވަހުގެ 13:00އެވެ. ފޯމު ހުށަހަޅަން ޖެހޭނީ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށެވެ. މި ވަޒީފާއަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 11:00 އިން 13:00 އަށެވެ.