05 Apr 2023, 13:15
ވެމްކޯ އިން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ޤާއިމް ކުރަމުންދާ ޒަމާނީ އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ ސަބަބުން، މާލެ ސަރަހައްދަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އެންވަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެތަނަށް ގެނެވޭ ކުނީގެ ބަރުދަނަށް ޗާޖު ކުރެވޭނެ ކަމަށާއި، އެތަނުން ތިލަފުއްޓަށް މީގެ ފަހުން ކުނި ގެންދެވޭނީ ކޮންޓެއިނަރުތަކަށް ވަކިވަކިން ކަމަށެވެ.
"ކުނި ވަކިކުރުމަށް ފަހު ދެން ގެންދެވެނީ އެ ކުނި ޑަމްޕް ކުރަން. އެއީ ހުންނާނެ ޚާއްސަ ކޮންޓެއިނާސް ތަކެއް. އެ ކޮންޓެއިނާސް ބެހިފައިވަނީ އެކި އެކި ބާވަތުގެ ކުނި، އެކި އެކި ތަންތަނުން،" މިނިސްޓަރު ވިދާޅުވިއެވެ.

ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން --- ސަން ފޮޓޯ
މިނިސްޓަރު ވިދާޅުވީ މި ހުރިހާ ޚިދުމަތަކާއެކު، ވެމްކޯ އިން މާލެ ސަރަހައްދުގައި ދެމުންދާ ޚިދުމަތައް އިންގިލާބީ ބަދަލުތަކެއް ހޯދޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި އިމާރާތާއި އަދި މި ދެންނެވި [ކަންކަން] ގާއިމްކޮށް، ވެމްކޯ އަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެވުނީމަ ޖުމްލަކޮށް މާލެ ސަރަހައްދަށް، ވަކިން ޚާއްސަކޮށް މާލެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް އިންގިލާބީ ބަދަލުތަކެއް އައުން،" މިނިސްޓަރު ވިދާޅުވިއެވެ.
ވެމްކޯ އިން މާލޭގެ އިންޑަސްޓްރިއަލް ވިލެޖުގައި ގާއިމްކުރަމުންދާ ވޭސްޓް ޓްރާންސްފާ ސްޓޭޝަނާ އެކު، ތިލަފުއްޓަށް ގެންދެވޭ ކުނި ގެންދެވޭނީ މޫދަށް ކުނި ނޭޅޭނެގޮތަށް، ކޮންޓެއިނަރުގައެވެ. އަދި ބާޖުތަކުން ކުނި އުކާލުމުގެ ބަދަލުގައި، ވެއި ބްރިޖަކުން ކުނި ކިރާލުމަށްފަހު އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ވޭސްޓް ޓިޕިން ޑެކަކުން ސީދާ ކޮންޓެއިނަރަށް ކުނި އުކާލެވޭނެއެވެ. މީގެ ސަބަބުން މިހާރު ބާޖަށް އެކި ވެހިކަލްތައް އަރުވައިގެން ކުރާ މަސައްކަތް ހުއްޓޭނެއެވެ.

ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން --- ސަން ފޮޓޯ
މި ޓްރާންސްފާ ސްޓޭޝަނަކީ ކުދި އަދި މެދު ސައިޒްގެ ޕިކަޕްގެ އިތުރުން، ޑަމްޕް ޓްރަކް އަދި ބޮޑެތި، ބަރު ކުނި އުފުލާ ބޮޑެތި ޑަމްޕް ޓްރަކްތަކާ އެކު، ތަފާތު އެކި ސައިޒުގެ ކުނި އުފުލާ ވެހިކަލް ތަކަށް ދަތިކަމެއް ނެތި ޚިދުމަތްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ، 65،000 އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ.
އަދި ވެމްކޯގެ ވެހިކްލަތައް ޕާކްކުރުމަށް އެ ސްޓޭޝަންގެ އެންމެ މަތީ ފަންގިފިލާގެ ރޫފް ޑެކް ވަނީ ޚާއްސަ ކުރެވިފައެވެ. މީގެ އިތުރުން، އެ އިމާރާތުގެ އެންމެ ތިރީ ފަންގިފިލާގައި ކުނި އުކާލުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ޚާއްސަ ޖާގައަކާއި، ވެމްކޯގެ ވެހިކަލް މެއިންޓެނެންސް ގަރާޖެއްގެ އިތުރުން، ވެމްކޯގެ ޚިދުމަތް ހޯދާ ކަސްޓަމަރުންނަށް ޚާއްސަ ފްރަންޓް އޮފީހެއް ޤާއިމްކުރުމަށް ވެސް ޖާގަ ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، އެ ސަރަހައްދުގައި ވެމްކޯ އިން އެކުންފުނީގެ މުޅިން އައު އެޑްމިނިސްޓްރޭޓިވް ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި ހަ ބުރީގެ އިމާރާތުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓާއި، އީޕީއޭގެ ހާއްސަ ލެބަކާއި އަދި ވެމްކޯގެ އެޑްމިން އޮފީސް ހުންނާނެއެވެ.

ވެމްކޯގެ އެޑްމިނިސްޓްރޭޓިވް ބިލްޑިން -- ސަން ފޮޓޯ
ވެމްކޯ އިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ، ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އެންޑް އިނޖިނިއަރިން (ސީއެސްސީއީސީ) އަށް 14 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 184 މިލިއަން ރުފިޔާ (11.97 މިލިއަން ޑޮލަރު) ގެ ޕްރޮޖެކްޓެކެވެ.
މި މަސައްކަތް ފެށިފައިވަނީ ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި އެތަން އެއްކޮށް ނިންމަން ހަމަޖެހިފައިވަނީ މި އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.