ވެރިކަމުގައި އޮތް މައި ޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހަދައިގެން ތިބި އެއްވެސް ޕާޓީއަކާއެކު ކުރާނެ މަޝްވަރާއެއް ނޯންނާނެކަމަށް ޕީޕީއެމް ޕީއެންސީ ހިންގެވުމަށް މިވަގުތު އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކ. މާފުށީގައި ރޭ އޮތް ހާއްސަ ހަފުލާއެއްގައި ވާހަަކަދައްކަވަމުން އޭނާ ވިދާޅުވީ ޕީޕީއެމް ޕީއެންސީ ކޯލިޝަނާ މަޝްވަރާކޮށް ވާހަކަދެއްކޭނީ ވަކި އުސޫލުތަކެއްގެ މަތިންކަމަށެވެ.

އެގޮތުން އެންމެ ފުރަތަމަ ވެސް މި ސަރުކާރާއެކު ކޯލިޝަން ހަދައިގެން ތިބި އެއްވެސް ޕާޓީއަކަށް ޕީޕީއެމާއެކު މަޝްވަރާކުރުމުގެ ޖާގައެއް ނެތްކަމަށް ކަނޑައަޅައިފައިވާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންނާ ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

"އަޅުގަނޑުމެންނާ އެކީގައި ވާހަކަދައްކާކަމަށް ވަންޏާ އެންމެ ފުރަތަމަ ޖެހޭނީ އެ ޕާޓީއަކުން މިހާރު މި ހިނގާ މި އޮތް ސަރުކާރަށް ނިސްބަތްވާ ކޯލިޝަނުން ވަކިވާން. ވަކިވެ އެ ކަން ރަސްމީކޮށް އިއުލާންކުރައްވަން ޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ އެ ޕާޓީއަކުން ރައީސް އަބްދުﷲ ޔާމީނަށް ލިބެމުން އަންނަ އަނިޔާ ފާޅުގައި ކުށްވެރިކޮށް އެއީ ނުހައްގު އަނިޔާއެއްކަން ފާޅުގައި ގަބޫލުކުރަންވާނެ ކަމަށެވެ.

އަދި ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއީދުކޮށް، އެ ކަން ގަބޫލުކުރަންޖެހޭނެކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މި އުސޫލުތައް ގަބޫލުނުކުރާ ބަޔަކާ އެކީގައި އަޅުގަނޑުމެންނަށް ސިޔާސީ ވާހަކައެއް ނުދެއްކޭނެ،" އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން ޕީޕީއެމަށް ކޯލިޝަން ހަދަން ދިން ދައުވަތާ ގުޅިގެން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީން ފޮނުވި ސިޓީ ވެސް ބަލައިނުގަންނަކަމަށެވެ.

އެއީ އެ ސިޓީ އެޑްރެސްކޮށްފައިވަނީ އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްކަމަށް ނުވުމުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރިޔާސީ ކެނޑީޑޭޓަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު. ޕީޕީއެމްގެ ރައީސަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިނގޭތޯ. އޮއްވައި ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް އެޑްރެސްކުރައްވައި ފޮނުވައި ސިޓީއެއް އެޑްރެސްކުރެވެން ވާނެކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ، އަޅުގަނޑުމެންގެ ލީޑާޝިޕަށް އިއްތިފާގުވެވެނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށްކަމަށް. އެ މަނިކުފާނަށް އެޑްރެސްނުކޮށް އެހެން ނަމެއްގައި އެޑްރެސްކުރައްވައި ފޮނުވާ ސިޓީއެއް ޕީޕީއެމް ޕީއެންސީ ކޯލިޝަނަކުން ބަލައެއް ނުގަންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ އެ ސިޓީ އެޑްރެސް ކޮށްފައި ވަނީ އޭނާއަށް ކަމަށެވެ.

ރިޔާސީ އިންތިޚާބެއްގައި ކޯލިޝަން ހެދުމުގެ ވާހަކައިގެ ކުރިން އެންމެ ފުރަތަމަ ރިޔާސީ ކެނޑީޑޭޓެއް ވެސް ރައްޔިތުންނަށް ދެއްކީ ޕީޕީއެމުންކަމަށް އޭނާ ވިދާޅުވިއެވެ.

ރޭ މާފުށީގައި އޮތް ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

ރޭ މާފުށީގައި އޮތް ހަފްލާގެ ތެރެއިން އެ ރަށުގައި އިސްކޮށް ހަރަކާތްތެރިވި އެމްޑީޕީގެ މެމްބަރުންތަކެއްވަނީ ޕީޕީއެމާ އަލަށް ގުޅިފައެވެ.

ރޭގެ ހަފްލާގައި ޕީޕީއެމްގެ ލީޑާޝިޕްގެ ގިނަ މެމްބަރުންތަކެއް ވެސް ބައިވެރިވެލެއްވިއެވެ.

ދާއިރާގެ ރަށެއްގައި މި ހަފްލާ ބައްވައިފައިވަނީ ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި އިލެކްޝަނަށް ގާތްގަނޑަކަށް ހަފްތާއެއްގެ މުއްދަތަށް ވެފައިވަނިކޮށެވެ.