05 Apr 2023, 10:40
ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން އެކްޓަރު އަދި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ހައްތަރަށް، ނެޓްފްލިކްސްއިން ގެނެސްދޭ ހޮލީވުޑްގެ ވެބް ސީރީސްއަކުން ފުރުސަތު ލިބިއްޖެއެވެ.
"ދަ ޕާފެކްޓް ކަޕްލް" ނަމަކަށްކިޔާ މިޕްރޮޖެކްޓަކީ ނެޓްފްލިކްސްއިން ގެނެސްދޭ މިނީ ސީރީސްއެކެވެ. އިޝާންއާއެކު މިސީރީސްގެ ކާސްޓުންގެ ތެރޭ ހޮލީވުޑްގެ ތަޖުރިބާކާރު ބަތަލާ ނިކޯލް ކިޑްމަން ހިމެނެއެވެ.
އެ ސީރީސްއަކީ "ދަ ޕާފެކްޓް ކަޕްލް"ގެ ނަމުގައި ލިޔުންތެރިޔާ އެލިން ހިލްޑަބްރޭންޑް ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ސީރީސްއެކެވެ.
އިޝާންއަށް މި ސީރީސްއިން ފުރުސަތު ލިބިފައިވާކަން އެކްޓަރުވަނީ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. މިސީރީސްގެ ކާސްޓުންގެ މައުލޫމާތު ހިމެނޭ ޕޯސްޓް ހިއްސާކުރަމުން އިޝާން ބުނެފައިވަނީ މިއީ އާފެށުމެއް ކަމަށެވެ.
އިޝާންއާއި ނިކޯލް ކިޑްމަންގެ އިތުރުން އެ ސީރީސްއިން ފެންނާނެ ހޮލީވުޑް ތަރިންގެ ތެރޭގައި، ލިއެވް ޝްރެއިބާ އާއި ޑަކޯޓާ ފޭނިންގް، މޭގަން ފަހީ، ޖެކް ރޭނާ އަދި މިއާ އިސާކް ހިމެނެއެވެ. ހަ އެޕިސޯޑްގެ މައްޗަށް އުފައްދާ މިސީރީސް ރިލީޒްކުރާނެ އިރެއް އަދި ނެޓްފްލިކްސްއިން އިއުލާނެއް ނުކުރެއެވެ.
ފިލްމު "ދަޅަކް"އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި އެކްޓަރު މީގެ ކުރިން ވެސް ވަނީ އިނގިރޭސި ބަހުން ގެނެސްދީފައިވާ ފިލްމުތަކުން ފެނިފައެވެ. އޭގެތެރޭގައި 2021ވަނަ އަހަރު ރިލީޒްކުރި ސިޔާސީ ފިލްމު "ޑޯންޓް ލުކްއަޕް" އަދި ބީބީސީ ޓެލެވިޒަން ޑްރާމާ "އަ ސޫޓަބްލް ބޯއި" ހިމެނެއެވެ.
ފިލްމު "ބިޔޯންޑް ދަ ކްލައުޑްސް"އިން ވިދާލި އިޝާންގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ ދަރްމާ ކުންފުނީގެ ފިލްމު "ދަޅަކް"އެވެ. އިޝާންގެ ދެ ފިލްމެއް މިއަހަރުގެތެރޭ ރިލީޒްކުރުމުގެ ފުރުސަތު ބޮޑެވެ. އެއީ "ފުރުސަތު" ނަމަކަށްކިޔާ ކުރު ފިލްމަކާއި ފިލްމު "ޕިއްޕާ"އެވެ.